ދުނިޔެ
ސުމޫދް ފްލޮޓިލާގެ މެމްބަރުން ހައްޔަރުކުރުމާ ގުޅިގެން ކޮލަމްބިއާއިން އިސްރާއީލުގެ ޑިޕްލޮމެޓުން ބޭރުކޮށްފި

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ
ހުލާސާ
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ކަނޑު މަގުން ދަތުރުކުރި ގްލޯބަލް ސުމޫދު ފްލޮޓިލާގެ މެމްބަރުން ހައްޔަރުކުރުމާ ގުޅިގެން، ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އެ ޤައުމުގައި ތިބި އިސްރާއީލުގެ ހުރިހާ ޑިޕްލޮމެޓުންނެއް ބޭރުކުރުމަށް އަމުރުކުރައްވައިފިއެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާގެ ނަމުގައި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ކުރި ދަތުރުގައި ބައިވެރިވި ކޮލަމްބިއާގެ ދެ އަންހެނުން ކަމަށްވާ މަނުއެލާ ބެދޯޔާ އާއި ލޫނާ ބަރެޓޯ ވަނީ އިސްރާއީލުގެ ސިފައިން ހައްޔަރުކޮށްފައިވެއެވެ. މި ދެ އަންހެނުން ހައްޔަރުކޮށްފައިވަނީ އެ މީހުންގެ އުޅަނދު ޣައްޒާގެ އައްސޭރިފަށުން 150 ނޯޓިކަލް މޭލު ދުރުގައި ދަތުރުކުރަމުން ދަނިކޮށެވެ.
ގްލޯބަލް މޫވްމަންޓް ޓު ޣައްޒާއިން ބުނެފައިވާ ގޮތުގައި މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި ޖެނީވާ އެއްބަސްވުމާ ޚިލާފު ކަމެކެވެ. އަދި މީގެ ކުރިން ވެސް މިފަދަ އެހެން އުޅަނދުތަކަށް ހަމަލާދީ، ހުއްޓުވާފައިވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
ރައީސް ޕެޓްރޯ ވަނީ މިއީ އިސްރާއީލުގެ ބެންޖަމިން ނެތަންޔާހޫގެ އިތުރު ބައިނަލްއަޤުވާމީ ކުށެއް ކަމަށް ވިދާޅުވެ، އިސްރާއީލާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން ވަގުތުން އުވާލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި އިސްރާއީލުގެ ކޯޓުތަކުގައި ދައުވާ އުފުލާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް އިސްރާއީލުގެ ކަނޑުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ އެ އުޅަނދު ދަތުރުކުރަމުން ދިޔައީ ހަނގުރާމައިގެ ސަރަހައްދަކާ ދިމާއަށް ކަމަށާއި، އެއީ ޤާނޫނީ ގޮތުން ބްލޮކޭޑް ކުރެވިފައިވާ ސަރަހައްދެއް ކަމަށެވެ. އަދި އެ އުޅަނދު އަޝްދޯދު ބަނދަރަށް ބަދަލުކުރުމަށް އެދުނު ކަމަށާއި، އެހީ ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ރަސްމީ ގޮތްތައް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމަށް ހުށަހެޅި ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.