ޚަބަރު
ފްލޮޓިއްލާގެ ހުރިހާ ކަމެއްގައި ފެށުނީއްސުރެ ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ: އައިއޭސީ

އައިއޭސީ ޓީމު/ފޮޓޯ: އައިއޭސީ
ފްލޮޓިއްލާގެ ހުރިހާ ކަމެއްގައި ފެށުނީއްސުރެ ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީ އިން ބުނެފިއެވެ.
އައިއޭސީ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ގްލޯބަލް ސުމޫދޫ ފްލޮޓިއްލާ މޫވްމެންޓްގެ ހުރިހާ ކަމެއްގައި ފެށުނީއްސުރެ ދިވެހި ސަރުކާރުގެ ފަރާތުން އެބޭފުޅުން ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދީ ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެ އިތުރުން، އޮބްޒާވާ ބޯޓެއްގައި ދިވެހިރާއްޖެއިން އައިއޭސީގެ ޖެނެރަލް ސެކެޓްރީ އިބްރާހިމް ޝާޒް ފްލޯޓިއްލާގައި ބައިވެރިވުމާ ގުޅިގެން، އޭނާގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވިފައިވާކަމަށް އައިއޭސީން ވަނީ ބުނެފައެވެ. ހަމަ އެހެންމެ، ޚާރިޖީ ވުޒާރާއިން މިކަން ވަރަށް ގާތުން ބަލަމުން ގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް އައިއޭސީން ބުނެއެވެ.
އައިއޭސީން އިތުރަށް ބުނީ، އޮބްޒާވާ ބޯޓަކީ ފްލޮޓިއްލާގެ އެހެން ހުރިހާ ބޯޓެއްގެ ކަންކަން ބަލަހައްޓާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ބޯޓެއް ކަމަށާއި، އެއީ ސީދާ ޣައްޒާއަށް ވަންނަން ދަތުރުކުރާ ބޯޓެއް ނޫން ކަމަށެވެ. ހަމަ އެހެންމެ، އިސްރާއީލުގެ ސިފައިން ބޯޓުތައް އިންޓަސެޕްޓް ކުރުމާއެކު އޮބްޒާވާ ބޯޓުތައް ވަނީ ރައްކާރި ހިސާބުތަކަށް މިސްރާބު ޖަހާފައިކަމަށް އައިއޭސީން ބުނެއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޚާރިޖީ ވުޒާރާއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އައިއޭސީއަށް ވަނީ ދެއްވާފައެވެ.