Ads by Stelco

ޚަބަރު

ފުލުހުންގެ 48 ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހާއި ސުވަޓް ޓެކްޓިކަލް މެޑިކަލް ކޯސް ނިންމާލައިފި

ފުލުހުންގެ 48 ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހާއި ސުވަޓް ޓެކްޓިކަލް މެޑިކަލް ކޯސް ނިންމާލައިފި

ކޯސްތައް ނިންމުމުގެ ރަސްމިއްޔާތު/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 އޮކްޓޯބަރު 2025، 12:14

02 އޮކްޓޯބަރު 2025، 12:14

ދިވެހި ފުލުހުންގެ ޚިދުމަތުގެ 48 ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހާއި ސުވަޓް ޓެކްޓިކަލް މެޑިކަލް ކޯސް ނިންމާލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި، ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހެޑް އޮފް އޮޕަރޭޝަންސް ސަޕޯޓް ކޮމާންޑު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ބަޝީރު އަދި ކޮލެޖްގެ އިސްވެރިންނާއި ދެ ކޯހުގެ މުދައްރިބުންގެ އިތުރުން ކޯހުގެ ބައިވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

މި އަހަރުގެ އޮގަސްޓު މަހުގެ 12 އިން ފެށިގެން 4 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ ޕަބްލިކް އޯޑަރ ޓްރެއިނިނގް ކޯހުގައި 31 ފުލުހުން ބައިވެރިވިއެވެ. އެއީ 6 އަންހެން ފުލުހުންނާއި 25 ފިރިހެން ފުލުހުންނެވެ. ހަމަ އެހެންމެ، މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ ސުވަޓް ޓެކްޓިކަލް މެޑިކަލް ކޯހުގައި 10 ފުލުހުން ވަނީ ބައިވެރިވެފައެވެ. މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެންނެވެ.

ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހަކީ، ޕަބްލިކް ޑިސްއޯޑަރ ހާލަތްތަކަށް ފުލުހުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ފުލުހުންނާ ގުޅުންހުރި ޤާނޫނުތައް، އިންސާނީ ޙައްޤުތައް، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް، ކޯޑް އޮފް އެތިކްސް އަދި ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް އެއްވާ އެއްވުންތައް ރޫޅާލުމުގެ ހުނަރުތައް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ކިޔަވައިދީފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ސުވަޓް ޓެކްޓިކަލް މެޑިކަލް ކޯހަކީ، ރިސްކު ބޮޑު ޓެކްޓިކަލް މާހައުލުތަކުގައި ހަލުވިކަމާއެކު ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ނުރައްކާތެރި ހާލަތްތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމާއި، އަނިޔާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތަމްރީނު ދިނުމަށް ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ޓީމް ވޯކް، އޮޕަރޭޝަނަލް ސްޓެންޑަޑްސް، ނަފުސާނީ އަދި ޖިސްމާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިވެރިންނަށް ތަމްރީނު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އެންމެ އެކަށޭނެ ޚިދުމަތް ދިނުމަށް މި ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން