Ads by Stelco

ޚަބަރު

ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއަކީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ބަދަހި އަޚްވަންތަ ގުޅުމެއް އޮތް ދެ ޤައުމު: ސަޢުދީ ސަފީރު

ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއަކީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ބަދަހި އަޚްވަންތަ ގުޅުމެއް އޮތް ދެ ޤައުމު: ސަޢުދީ ސަފީރު

ސަޢުދީ ޢަރަބިއްޔާގެ 95 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ޚާއްޞަ ރަސްމިއްޔާތު ފޮޓޯ: ސަޢުދީ ރޯޔަލް އެމްބަސީން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 އޮކްޓޯބަރު 2025، 11:52

02 އޮކްޓޯބަރު 2025، 11:52

ސަޢުދީ ޢަރަބިއްޔާގެ 95 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް މާލޭގައި ހުންނަ ސަޢުދީ ރޯޔަލް އެމްބަސީން މިވަނީ ބާސެލޯ ހޮޓެލްގައި 23 ސެޕްޓެމްބަރުގައި ބާއްވާފައެވެ. މި ރަސްމިއްޔާތުގެ މައިގަނޑު މަޤްޞަދަކީ ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުމާއި، އިތުރުވެގެންދާ ބައިވެރިކަމަށް އަލިއަޅުވައިލެއްވުމެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން، ޝަރަފްވެރި މެހެމާނުގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ކެބިނެޓް މިނިސްޓަރުން، ދިވެހިރާއްޖޭގައި ހުންނަ އެކިއެކި ޤައުމުތަކުގެ ސަފީރުން އަދި އެހެނިހެން ޝަރަފްވެރި މެހެމާނުން ހިމެނިވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ތަޤުރީރުކުރައްވަމުން ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ސަފީރު ފާހަގަކުރެއްވި ގޮތުގައި ދެ ޤައުމުގެ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނީ 1981 ވަނަ އަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި 2025 ވަނަ އަހަރަކީ މި ގުޅުމަށް 44 އަހަރު ފުރުނު އަހަރުކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސަފީރު އިތުރަށް ވިދާޅުވީ ދެ ޙަރަމްފުޅުގެ ޚާދިމު ކިންގް ސަލްމާން ބިން އަބްދުލްޢަޒީޒު އާލް ސަޢުދު، ރޯޔަލް ހައިނެސް ކްރައުން ޕްރިންސް އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އާލް ސަޢުދު، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން މި ގުޅުން ދަނީ އިތުރަށް ބަދަހިވަމުންނެވެ.

"ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއަކީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ، އަދި އެއްގޮތް އިސްލާމީ އަގުތަކެއް ހިއްސާކުރާ  ބަދަހި އަޚްވަންތަ ގުޅުމެއް އޮތް ދެ ޤައުމު،" ސަފީރު އަލްޤަޙްޠާނީ ވިދާޅުވިއެވެ.

ދެ ޤައުމުގެ އެއްބާރުލުން މިހާރު ފުޅާވެފައިވަނީ ބަނދަރު ތަރައްޤީކުރުމާއި، ސިއްޙީ ޚިދުމަތް، މަސްވެރިކަން، ދަނޑުވެރިކަން، ވައިގެ ދަތުރުފަތުރު، ފަތުރުވެރިކަން، ތަޢުލީމު، ޒުވާނުން ތަރައްޤީކުރުން، އިއާދަކުރަނިވި ހަކަތަ، އަދި ތިމާވެށީގެ ދެމެހެއްޓެނިވި ތަރައްޤީފަދަ މުހިންމު ދާއިރާތަކަށް. އަދި މި ސަރަޙައްދުގައި ދެ ޤައުމުން ވެސް ދެމެހެއްޓެނިވި ސުލްހަ މަސަލަސްކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް ދަނީ މަސައްކަތްކުރަމުން

ސަފީރު އަލްޤަޙްޠާނީ


ސަޢުދީ އެމްބަސީން ނެރުނު ބަޔާނެއްގައި ފާހަގަކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ޚާއްޞަކޮށް ބަނދަރުގެ މަޝްރޫޢުތަކަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމުގައި ސަޢުދީ ޢަރަބިއްޔާއަކީ މުހިންމު ބައިވެރިއެއް ކަމުގައެވެ. އަދި ދިވެހިރާއްޖެއިން ވެސް އިސްލާމީ ދުނިޔޭގައި ސަޢުދީ ޢަރަބިއްޔާ އަދާކުރާ މުހިންމު ދައުރަށާއި، ދުނިޔޭގެ މުހިންމު ކަންކަމުގައި އަދި ތަރައްޤީއާއި ސުލްހައިގެ މަސައްކަތްތަކުގައި އެޤައުމުން ކުރާ މަސައްކަތްތަކަށް އަބަދުވެސް އުފަލާއެކު ތާއީދުކުރާކަން ފާހަގަކުރައްވާފައިވެއެވެ.

ދެ ޤައުމުގެ މި ގުޅުން ހަމައެކަނި ސަރުކާރުން ސަރުކާރަށް ކުރާ މަސައްކަތްތަކަށް ހުސްނުވެ، ފަތުރުވެރިކަން، ސަގާފީ ބަދަލުތައް، ތަޢުލީމީ ޕްރޮގްރާމްތައް އަދި އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުން މެދުވެރިކޮށް ދެ ޤައުމުގެ ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކުރުމަށް ވެސް ދަނީ މަސައްކަތްކުރަމުންނެވެ.
ސަޢުދީ ޢަރަބިއްޔާއިން 95 ވަނަ ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު، ދެ ޤައުމުން ވެސް ވަނީ ސަޢުދީ ވިޝަން 2030 އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ އަމާޒުތަކާ އެއްގޮތްވާގޮތުގެ މަތިން އެއްބާރުލުން އިތުރުކުރުމަށް އަޒުމް ކަނޑައަޅާފައެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަރައްޤީއާއި ފާގަތިކަން ލިބިގެންދާނެއެވެ.

ސަފީރު އަލްޤަޙްޠާނީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ސަރުކާރު އަދި ދިވެހި ރައްޔިތުންނަށް ދެ ޤައުމުގެ ގާތް ގުޅުމާއި މެހެމާންދާރީއަށްޓަކައި ނުހަނު ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން