ކުޅިވަރު
ވިކްޓްރީއަށް ސްލޮވެކިއާގެ ތަޖުރިބާކާރު ކޯޗެއް ގެނަސްފި

ޖޯޖްލީ ގެރީ ވިކްޓްރީގެ ކޯޗުގެ ގޮތުގައި ތަޢާރަފްކުރުން، ފޮޓޯ: ޕީއެސްއެމް

ފަރުދުން
02 އޮކްޓޯބަރު 2025، 09:55
02 އޮކްޓޯބަރު 2025، 09:55
ގިނަ ދުވަސްތަކަކަށްފަހު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ސްލޮވެކިއާގެ ތަޖުރިބާކާރު ކޯޗު، ޖޯޖްލީ ގެރީ ގެނަސްފިއެވެ.
ވިކްޓްރީއިން އޭނާ ތަޢާރަފްކުރީ ރޭ އެ ކުލަބުގެ އައު ބޯޑު މީޑީއާއަށް ތައާރަފް ކުރުމަށް ބޭއްވި ޖަލްސާގައެވެ.
ޖޯޖްލީ ވަނީ ކުރިން ސްލޮވެކިއާގެ ފުރަތަމަ ޑިވިޝަނުގައި ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި މިއީ އޭޝިއާގެ ޓީމަކާއި އޭނާ ހަވާލުވި ފުރަތަމަ ފަހަރު ވެސް މެއެވެ. މީގެ އިތުރުން އެގައުމުގެ ޔޫތް ޑިވެލޮޕްމެންޓް ޑިރެކްޓަރގެ މަގާމުވެސް އޭނާ އަދާކޮށްފައިވެއެވެ.
ޔޫއެފާ ޕްރޯ ލައިސަންސް އޮންނަ އުމުރުން 48 އަހަރުގެ ޖޯޖްލީ އަކީ ކުޅުންތެރިއެއްގެ ގޮތުގައި ފެނުނީ ޑިފެންޑަރެއްގެ މަޤާމުންނެވެ. 2014 ވަނަ އަހަރުން ފެށިގެން ކޯޗިން ކެރިއަރު ފެށި ޖޯޖްލީ މަސައްކަތް ކޮށްފައިވަނީ ސްލޮވާކިޔާ އާއި ސާބިއާގައެވެ.
ޖޯޖްލީގެ އިރުޝާދުގެ ދަށުން ވިކްޓްރީ ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިރެއެވެ. މިރޭ ދިވެހި ލީގުގައި ވިކްޓްރިއިން ނިކުންނާނީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ދިވެހިރާއްޖޭގެ ކުރީގެ އެންމެ މޮޅު އެއް ފޯވާރޑު، އާދަމް އަބްދުލް ލަތީފް (ލައްޗޭ)ގެ އިރުޝާދުގެ ދަށުން ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވިކްޓްރީ ވަނީ 3 ޕޮއިންޓު ހޯދާފައެވެ. އެއީ ދެވަނަ މެޗުގައި 1-0އިން ގްރީން ސްޓްރީޓްސް ބަލިކުރުމަށްފަހުއެވެ. ލީގުގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބުގެ އަތްދަށުވެ، ވިކްޓްރީ ބަލިވެފައި ވަނީ 5-0އިންނެވެ.