ކުޅިވަރު
ޗެމްޕިއަންސް ލީގު: ފަހު މިނެޓުގައި ޕީއެސްޖީއިން ބާސެލޯނާ ބަލިކޮށްފި

ޕީއެސްޖީ މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދިނުމަށްފަހު ގޮންޗާލޯ ރާމޯސް / ފޮޓޯ: ގެޓީ އިމޭޖަސް
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ފޭސްގައި ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ)އިން ފަހު މިނެޓުގައި ކާމިޔާބުކުރި ގޯލަކާއެކު، 2-1އިން ބާސެލޯނާ ބަލިކޮށްފިއެވެ.
ރޭ ސްޕެއިންގެ ބާސެލޯނާގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ބާސެލޯނާއިންނެވެ. މިއީ، މާކަސް ރަޝްފޯޑު ވާތް ފަރާތުން ތިރިތިރިން ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން، ފެރަން ޓޮރޭސް ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު ރަޝްފޯޑު މިވަނީ ބާސެލޯނާއިން އެންމެ ފަހުން ކުޅުނު 6 މެޗުން 5 ގޯލު ޖެހުމުގައި ބައިވެރިވެފައެވެ.
ނަމަވެސް މުބާރާތް އެންމެ ފަހުން ކާމިޔާބުކުރި ޕީއެސްޖީއިން ވަނީ، އުމުރުން 19 އަހަރުގެ ސެނީ މަޔޫލޫއަށް ނޫނޯ މެންޑޭޒް ފަހިކޮށްދިން ފުރުސަތަކުން ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކޮށްފައެވެ.
އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ނުލާ ކުޅެން ޖެހުނުނަމަވެސް، މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔައީ ޕީއެސްޖީއެވެ. ނަތީޖާއަކަށްވީ، މެޗުގެ 90ވަނަ މިނެޓުގައި އަޝްރަފް ހަކީމީގެ ހުރަހަކުން، ގޮންޗާލޯ ރާމޯސް އެ ޓީމަށް ލީޑު ނަގައިދިނުމެވެ.
What a team! 😍❤️💙
— Paris Saint-Germain (@PSG_English) October 1, 2025
Well done, guys. 👏
pic.twitter.com/BfGPwOzqZS
މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ޕީއެސްޖީ މިހާރު އޮތީ ލީގު ފޭސްގެ 3 ވަނައިގައެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗެއްގައި، މޮނާކޯއިން ވަނީ ފަހު ވަގުތު ކާމިޔާބުކުރި ގޯލަކުން މެންޗެސްޓަރ ސިޓީއާ 2-2އިން ހަމަހަމަކޮށްފައެވެ.
މޮނާކޯ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ އާރލިން ހާލަންޑުގެ ގޯލަކުން ސިޓީއެވެ. އެކަމަކު، އެ ގޯލު ޖެހިތާ ތިން މިނެޓް ފަހުން، މޮނާކޯއިން އެއްވަރުކުރީ، ޖޯޑަން ޓެޒޭ ފޮނުވާލި ބާރު ހަމަލާ އަކުންނެވެ.
ހާފު ނިމުމުގެ ކުރިން ހާލަންޑުގެ ގޯލަކުން އަނެއްކާ ވެސް ސިޓީއިން ލީޑު ނެގިއެވެ. އަދި ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ މޮނާކޯއިން ހަމަހަމަކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރ، އެރިކް ޑަޔާއެވެ.
މީގެ އިތުރުން، ރޭ އާސެނަލްއިން 2-0އިން އޮލިމްޕިއާކޯސް ބަލިކުރިއިރު، ނަޕޯލީއިން ވަނީ 2-1އިން ސްޕޯޓިން ބަލިކޮށްފައެވެ. އަދި ވިޔަރިއާލްއާ ޖުވެންޓަސް ބައްދަލުކުރި މެޗު ނިމުނީ 2-2އިން އެއްވަރުވެގެނެވެ.