ޚަބަރު
ފްލޮޓިލާގެ އުޅަނދުތަކަށް އިސްރާއީލު ސިފައިން އަރައި މީހުންތައް ހައްޔަރުކޮށްގެން ގެންދަން ފަށައިފި

އިސްރާއީލް ސިފައިން ފްލޮޓިލާގެ އުޅަނދުތަކުގައި ތިބި އެކްޓިވިސްޓުންނަށް ހުރަސްއެޅުން---
ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރާ ސުމޫދު ފްލޮޓިލާ އުޅަނދުތަކަށް އިސްރާއީލުގެ ސިފައިން އަރައި، ބޯޓުތަކުގައި ތިބި މީހުންތައް ހައްޔަރުކޮށްގެން އިސްރާއީލަށް ގެންދަން ފަށައިފިއެވެ.
"ގްލޯބަލް ސުމޫދު ފްލޮޓީލާ" ގެ 40އަށް ވުރެ ގިނަ އުޅަނދު، އިސްރާއީލުން ކަނޑައަޅާފައިވާ "ރެޑް ޒޯން"އާ އަރާ ހަމަވީ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ. އެއާއެކު، އިސްރާއީލް ސިފައިން ވަނީ އެ އުޅަނދުތައް ހުއްޓުވުމަށް މިލިޓަރީ މަނަވަރުތަކުން ބެރިކޭޑެއް ހަދާފައެވެ. އަދި ބޯޓުތައް އޭރު ވަންނަމުން ދިޔައީ ހަނގުރާމަ ހިނގަމުންދާ ސަރަޙައްދަކަށް ކަމަށާއި، ވަގުތުން ދަތުރުގެ މިސްރާބު ބަދަލުކުރުމަށް އިންޒާރުދިނެވެ.
އޭގެ ފަހުން ބޯޓުތައް އަނބުރާނުލުމުން، ފްލޮޓީލާގެ އުޅަނދުތަކަށް ހުރަސްއަޅައި ފެން ޖެހުން ފަދަ ކަންކަން ކުރުމަށް ފަހު، ބޯޓުތަކަށް އަރައި ސިފައިންގެ ބެލުމުގެ ދަށަށް ވަނީ އުޅަނދުތަކާއި މީހުން ވެސް ގެންދަން ފަށާފައެވެ.
Footage of Israeli navy vessels intercepting global sumud flotilla pic.twitter.com/0PfcTFnnrO
— Global Sumud Flotilla Commentary (@GlobalSumudF) October 1, 2025
ފްލޮޓިލާގެ ބޯޓުތައް ހުއްޓުވާފައިވާކަން އެންގުމަށް، އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓު، ގްރެޓާ ތަންބާގް ސިފައިންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެވެ.
ފްލޮޓިލާގެ އުޅަނދުތަކުގައި ޣައްޒާއަށް ގެންދިއުމަށް މަސައްކަތްކުރާ އެހީއަކީ ނިސްބަތުން މަދު އަދަދެއް ނަމަވެސް، އެކްޓިވިސްޓުންގެ ބޭނުމަކީ އިޒްރޭލުން ކަނޑުމަގުން ވެސް ޣައްޒާ ބަންދުކޮށްފައި އޮންނަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށްކަން އަންގައިދިނުމާ އެކު އެ ހިސާރު ނިމުމުކަށް ގެނައުމެވެ. ފްލޮޓިލާގެ ރަމްޒީ އުޅަނދުތަކަށް ހުރަސްއަޅައި އިސްރާއީލުން ބުނަމުންދަނީ "ހަމާސްއާ ހަނގުރާމަކުރާއިރު" ކަނޑުގެ ސަރަޙައްދު ބަންދުކޮށްފައި ބޭއްވުން ޤާނޫނީ ގޮތުން ހުއްދަ ކަމަށާއި އެ ސަރަޙައްދު ހުރަސްކޮށް ވަންނަން އުޅޭ ކޮންމެ ބަޔަކު ކޮންމެ ގޮތަކުން ވިޔަސް ހުއްޓުވާނެ ކަމަށެވެ.
ގްލޯބަލް ސުމުދު ފްލޮޓިލާއަކީ އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް މުގުރާލުމަށް ކުރާ އެންމެ ބޮޑު މަދަނީ މަސައްކަތެވެ. އެގޮތުން، 50 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 1000އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ.