Ads by Stelco

ޚަބަރު

މި އަހަރު މާލޭގައި 3،000 ހައުންސިން ޔުނިޓުގެ މަޝްރޫއެއް ކުރިޔަށް ގެންދާނަން: ރައީސް

މި އަހަރު މާލޭގައި 3،000 ހައުންސިން ޔުނިޓުގެ މަޝްރޫއެއް ކުރިޔަށް ގެންދާނަން: ރައީސް

ޕީއެސްސީއިން 1 އޮކްޓޫބަރު 2025ގައި ބޭއްވި ހަރުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 އޮކްޓޯބަރު 2025، 07:35

02 އޮކްޓޯބަރު 2025، 07:35

މި އަހަރު ނިމުމުގެ ކުރިން މާލޭ ސިޓީގައި 3،000 ހައުންސިން ޔުނިޓުގެ މަޝްރޫއެއް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެސްސީ)އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އެ މަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކަށް އަލިއަޅުވާލަމުން ފެއްޓެވި ވާހަކަފުޅުގެ ތެރެއިން ވިދާޅުވީ، މާލޭ ސަރަޙައްދުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަމަށާއި، އެކަމަށް ޙައްލު ހޯދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، މި އަހަރު ނިމުމުގެ ކުރިން މާލޭ ސިޓީގައި 3،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ. އަދި މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ 4،000 ހައުސިން ޔުނިޓުގެ އިތުރަށް، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގައި އެންމެ މަދުވެގެން 3،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން ފަށާނަން.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ ފްލެޓުތަކުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފައްޓަވާނެކަމަށް، ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކުރީ ސަރުކާރުން އެޅި ފްލެޓްތައް ވެސް، އެއްވެސް އުނިއިތުރެއް ނުގެނަސް، ވައުދުވެވަޑައިގެންނެވި ގޮތަށް، ހަވާލުކުރަން ފައްޓަވާފައިވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ޕީއެސްސީއިން ރޭ ބޭއްވި ހަރުގެ ޖަލްސާ

ސަރުކާރަށް ތާޢީދުކުރާ ގިނަ ބަޔަކާއެކު ރޭ ބޭއްވި ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުފުޅުތަކެއް މުޅި ސަރުކާރާއި، ސަރުކާރުގެ މެންބަރުންނާއި، ޕީއެންސީގެ ސަޕޯޓަރުންގެ އެހީތެރިކަމާ އެކު މިހާރު ވެސް ގެންދަވަނީ ފުއްދަވަމުން ކަމަށެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެތައް މަޝްރޫއެއް ފަށައިގެން ކުރިއަށް ގެންދާކަމަށް ވިދާޅުވިއެވެ.

ހަމަމިއާއެކު ރައީސް ވިދާޅުވީ، ތަރައްޤީގެ މި ހުރިހާ މަސައްކަތްތަކެއް ކުރިޔަށްގެންދަވަނީ، މި ސަރުކާރަށް ވާރުތަވި، "ހަލާކުވެފައި، ވަޅުޖެހިފައި" އޮތް އިޤުތިޞާދު ނަގައި ކޮޅަށް ޖަހަމުން ކަމަށެވެ. އެފަދަ އިޤުތިޞާދަކާއެކު ވެރިކަން ފަށަން ޖެހުނު ނަމަވެސް، މިހާރު ރާއްޖޭގެ އިޤުތިޞާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑެއްގައިކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. އަދި ކަންބޮޑުވެ، ހާސްވާން ޖެހޭ ކަމެއް އިޤުތިޞާދީ ގޮތުން މިހާރު ނެތް ކަމަށް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން