ކުޅިވަރު
އަހަރުތަކެއް ފަހުން ފެނުނު ޒަމާންވީ ވާދަވެރިކަން މި ފަހަރުވެސް ބުރަވީ ނިއު ރޭޑިއަންޓުގެ ކޮޅަށް

ނިއު ރޭޑިއަންޓުގެ އަލީ ފާސިރު ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: މިހާރު
ދިވެހި ފުޓުބޯޅައިގައި ޒަމާނުއްސުރެން ބޮޑު ވާދަވެރިކަމެއް އޮންނަ، ކްލަބް ވެލެންސިއާ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަހަރުތަކަކަށް ފަހު މިއަދު ގަލޮޅު ދަނޑުގައި ކުރިމަތިލި މެޗު، 2-0އިން ނިއު ކާމިޔާބުކޮށްފިއެވެ.
މި ދެ ކްލަބު ޕްރިމިއަރ ލީގުގައި އެންމެ ފަހުން ވާދަކުރީ 2016ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. އެ މެޗު ވެސް ކާމިޔާބުކޮށްފައި ވަނީ ނިއު ރޭޑިއަންޓެވެ. އެ މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ، މިހާރު ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ކޯޗުގެ މަޤާމުގައި ހުރި އަހުމަދު ނިޔާޒްއެވެ.
އޭގެ ނުވަ އަހަރު ފަހުން، ދިވެހި ލީގުގައި މިއަދު މި ދެ ޓީމު ބައްދަލުކުރި މެޗުގައި ތަފާތު ދެއްކީ ނިއުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ)އެވެ. ނިއުގެ ދެ ގޯލު ވެސް ކާމިޔާބުކުރީ އޭނާއެވެ.
މިއަދުގެ މެޗާއެކު، ލީގުގައި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު ނިއުއިން ވަނީ ޖުމްލަ 10 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ކޮޅަށް ގޯލެއް ނުވަންނަ ހަމައެކަނި ކްލަބަކީ ވެސް ނިއެއެވެ.

ކުރިން ދެ މެޗުގައި ވެސް ހިލޭ ޖެހުންތަކުން ގޯލު ކާމިޔާބުކުރި ސެންޓޭއަށް، މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ވެސް ގޯލަށް ވައްދާލުމަށް ރަގަޅު ހިސާބުތަކުން ހިލޭޖެހުން ލިބުނެވެ. ނަމަވެސް އޭނާގެ ފުރަތަމަ ހިލޭޖެހުން ވެލެންސިއާގެ ދިފާއީ ފާރަށް އަމާޒުވިއިރު، ދެވަނަ ހިލޭޖެހުން ވަނީ ވެލެންސިއާގެ ގޯލްކީޕަރު، ވިއޯރެލް ބޮއިއަން ދިފާއު ކޮށްފައެވެ.
ދެފަނަ ހާފުގެ ކުރީކޮޅު ނިއުއިން އުފެއްދި ނުރައްކާތެރި ހަމަލާތައް ވެސް ވެލެންސިއާގެ ކީޕަރު ހުޝިޔާރުކަމާއެކު ދިފާއުކުރިއެވެ.
ނަމަވެސް މެޗުގެ 60ވަނަ މިނެޓުގައި ސެންޓޭ ވަނީ ނިއުއަށް ލީޑު ނަގައިދީފައެވެ. އޭނާ ލީޑު ފުޅާކުރީ، މެޗު ނިމެން 8 މިނެޓަށްވެފައި ވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. އެއީ ލީގުގައި މިހާތަނަށް އޭނާ ކާމިޔާބުކުރި 5ވަނަ ގޯލެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ.