Ads by Stelco

ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ، ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފި

ދިވެހި ވަޠަނީ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ، ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފި

ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކުރުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 އޮކްޓޯބަރު 2025، 06:10

01 އޮކްޓޯބަރު 2025، 06:10

ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަޠަނީ ޚިދުމަތް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފި އެވެ. 

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައި ވަނީ، މިއަދު ހަވީރު އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ދިވެހިރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ އިޢުލާނުކުރައްވާފައި ވަނީ، މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި 1،242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރަށް ހޮވުނު 343 ޒުވާނުން ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ވަނީ ތަމްރީނު ފުރިހަމަކުރުމަށް ޅ. މާފިލާފުށްޓަށް ފުރާފައެވެ. އެގޮތުން، ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29 އަހަރާއި ދެމެދުގެ ޖުމްލަ 64 އަންހެން ބައިވެރިންނާއި، 279 ފިރިހެން ޒުވާނުން ތަމްރީނަށް ގޮސްފައިވެއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް އުފެއްދުމެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކުރުމެވެ.

މި ޕްރޮގްރާމުގެ ބައިވެރިން ހޮވުމުގެ މަރުޙަލާ މިއަހަރުގެ ޖުލައި މަހު އެންމެ ފުރަތަމަ ފަށާފައިވަނީ ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. ނަމަވެސް، މި މަރުޙަލާ އިތުރަށް ފުޅާކޮށް، ށ. ފުނަދޫ، ނ. މަނަދޫ އަދި ތ. ވޭމަންޑޫގައި ވެސް ބައިވެރިން ހޮވުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ހޮވުމުގެ މަރުޙަލާގައި ބައިވެރިން އިންޓަރވިއު، މެޑިކަލް ޓެސްޓް، އެޕްޓިޓިއުޑް ޓެސްޓް އަދި ފިޓްނަސް ޓެސްޓްތައް ފުރިހަމަކުރިއެވެ.

މި ޚާއްޞަ ޕްރޮގްރާމްގެ ސަބަބުން، ދިވެހި ޤައުމުދެކެ ލޯބިވާ، ޤައުމާއި މެދު ފަޚުރުވެރިވާ ޒުވާނުންތަކެއް ބިނާކުރެވިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން