ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ 'ހިޔާ ޓަވަރު' ކައިރިން ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ 'ހިޔާ ޓަވަރު' ކައިރިން ޒުވާނަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ޏ. ފުވައްމުލައް / މިސްކިތްމަގު. ހިމިތީ، ޙުސައިން އައިހަމް އަޙްމަދު (20އ) އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު ހިޔާ ޓަވަރު 14 ކައިރިން އޭނާ ފެނުނުއިރު އޭނާގެ ޢަމަލުތައް ހުރިގޮތުން ހުއްޓުވަން މަސައްކަތްކުރުމުން އޭނާ ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ފުލުހުން އޭނާގެ ފަހަތުންގޮސް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.50 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ޙުސައިން އައިހަމް އަޙްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.