ޚަބަރު
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިމަހުގެ 12 ގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ވުޒާރާ
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މިހިނގާ އޮކްޓޫބަރ މަހުގެ 12 ވާ އާދީއްތަ ދުވަހު ކަމަށެވެ.
މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ރައީސް ވަނީ ނިންމަވާފައެވެ.
ހަމަ މިއާއެކު، 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ދިނުމަށް ނިންމަވާފައިވާއިރު، މުބާރާތުގެ ހުރިހާ ވަނަތަކަށް ވުޒާރާއިން އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެކަމަށާއި އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިވާނެކަމަށް ރައީސް ވިދާޅުވެއެވެ.
އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް.
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ މުބާރާތުގައި ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ 1،023 ބައިވެރިވެ، ހުރިހާ ދަރިވަރުން ވެސް މިހާރު ވަނީ ކިޔަވާފައެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަން ވަނަތަކަށް އަގުހުރި އިނާމުތަކެއް ދެއްވުމަކީ ރައީސުލްޖުމުހޫރިއްޔާގެ ވަޢުދުފުޅެއްކަމަށް ވީއިރު، ޤުރްއާނުގެ ދާއިރާއަށް ވޭތުވެދިޔަ ސަރުކާރުތަކުން ނުދެއްވާ އަހަންމިއްޔަތުކަން ދެއްވާ އެ ދާއިރާ ހަރުދަނާކުރެއްވުމަކީ އެމަނިކުފާނުގެ ސިޔާސަތެކެވެ.