ޚަބަރު
ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމަށް އެމްއެންޑީއެފްގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި

އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އެމްއެންޑީއެފް
ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި އެވެ.
މި އޮޕަރޭޝަނަކީ، ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ޤަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވުމުން، ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވަމުން ދާތީ ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
އެގޮތުން، މި އޮޕަރޭޝަންގައި ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯއާއި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަކުރެވިފައި ވޭތޯ އެމްއެންޑީއެފުން ބަލަމުން ގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި، މެރިން ވީއެޗްއެފް ޗެކްކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަންގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭނެ ކަމަށާއި، މި އޮޕަރޭޝަންގައި ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ވެސް ޗެކްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ ގޮތުން ހެދިފައިވާ ކަނޑުމަތީގެ އެންމެހައި ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުންދޭތޯ ބަލައި އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅާނެކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ފަދަ ކަންކަމުގައި ޢާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް އެމްއެންޑީއެފްގެ ފަރާތުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.