ޚަބަރު
ފަސްޖެހުމެއްނެތި ޝާޒް ނުކުތީ ދިވެހިން ހެޔޮ ހިތުން ދިން އެހީގެ ސާމާނުތައް އަމާނާތްތެރިކަމާއެކު އޭގެ ހައްގުވެރިންނަށް ފޯރުކޮށްދޭން!

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޝާޒް އަދި ދަތުރުގެ އިތުރު ބައިވެރިއެއް
ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން މިއަދު ތިބީ ދުލުން އިންސާނަކަށް ބަޔާންކޮށް ނުދެވޭހާ ނިކަމެތި ޙާލަތެއްގައެެވެ. އެމީހުންތިބީ ހައިހޫނުކަން ފިލުވައިދޭނެ އެހީގެ އަތްތަކަކަށް އެދިއެދިއެވެ. އަނިޔާވެރި ޙަމަލާތަކުން ފުރާނަ ސަލާމަތްކޮށްދޭނެ މަދަދެއް ލިބޭތޯއެވެ. ބަނޑަށްޖެހިފައިވާ ކުޑަކުދިންނާއި މުސްކުޅިން އަދި ހަރުމީހުންނާއި ޒުވާނުން ކޮޅުކޮޅުމައްޗަށް ދުވަނީ ކާނެ އެއްޗެއް ނޫނީ އުނުއޮރިޔާން ނިވާކުރާނެ އަންނައުނުކޮޅެއް ލިބޭތޯއެވެ. ނަމަވެސް މުޅި ދުނިޔެވަނީ މިކަމަށް ނުކުޅެދިފައެވެ. ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތެދުވާ ގައުމުތަކަށާއި، ޖަމާޢަތްތަކަށްވެސް ޣައްޒާގެ ރައްޔިތުންނާ ހަމަޔަށް ދެވޭނެ ގޮތެއް ހުޅުވިފައެއް ނެތެވެ.
ކަނޑުމަގުން އެހީގެ ސާމާނު ޣައްޒާއަށް ގެންދިޔުމަކީވެސް ޔަހޫދީ އަނިޔާވެރި ދައުލަތުން ފުރުސަތުދޭކަމެއް ނޫނެވެ. އެހެންނަމަވެސް، ޣައްޒާގެ ޙިޞާރު ފޫއަޅުވާލައި އެހީގެ ސާމާނުތައް އެ ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމުގެ މަތިވެރި ޢަޒުމުގައި "ގްލޯބަލް ފްލޮޓިއްލާ" އިން ފަށާފައިވާ ދަތުރަކީ ނުރައްކަލުން ފުރިގެންވީ ދަތުރެކެވެ. އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ރާޑަރަށް ނާރައި ޣައްޒާއަށް އެތެރެ ވުމަކީ ނާދިރުކަމެކެވެ. މި ބިރުވެރި ދަތުރައިގެން "ގްލޯބަލް ސުމޫދް ފްލޮޓީލާ"ގެ ބޯޓުތައް މަޑުމަޑުން ފަލަސްޠީނުގެ ޣައްޒާއާ ކައިރިއަށް އެބަ ދަތުރުކުރެއެވެ. މިބޯޓުތަކުގައި ހިތްވަރުގަދަ ނެވިންނާއި ފަޅުވެރިންނާއި އިންސާނީ އެހީގެ ސާމާނުތަކާ ހަވާލުވެގެން ތިބި ހަވާލުދާރުން ތިއްބެވެ.
މި ބޯޓުތަކުގައި ދިވެހި ލޭހިނގާ ދިވެހި ދަރިއަކު އެބަ ހިމެނެއެވެ. އެއީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޝާޒްއެވެ. ތޫނިސްގެ ގަމާތު ޕޯޓުން ނައްޓާލައިގެން ފްލޮޓިއްލާގެ އިތުރު ބޯޓުތަކާ އެކީގައި ޝާޒް ދަތުރުކުރާ ބޯޓު ވަނީ ދަތުރު ފަށާފައެވެ. ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު ހިފައިގެން ނުރައްކާތެރި ދަތުރެއް ކުރަމުން އަންނަ ޝާޒް ވަނީ އެ ބޯޓުތެރޭގައި ހުރެ ވީޑިޔޯ މެސެޖެއް ހިއްސާކޮށްފައެވެ. ޝާޒްގެ ވީޑިޔޯ މެސެޖުގައި ބުނިގޮތުން މިއީ ވަރަށްވެސް ހައްސާސްކަން އެކުލެވޭ ދަތުރެކެވެ. މި ދަތުރުގައި އޮތީ އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ނުރައްކާތެރި ހަމަލާއަކާ ކުރިމަތިވުމެވެ. ނުވަތަ އެމީހުންގެ ރާޑަރުތަކުން ސަލާމަތްވެ އެހީގެ ސާމާނުތަކައިގެން ފަލަސްޠީނުގެ ޣައްޒާއަށް އެތެރެވުމެވެ. މިގޮތަށް ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީގެ ސާމާނާއެކު ދަތުރުކުރާ ބޯޓުފަހަރަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން އަރާ މީހުން ރަހީނުކޮށް ހަދައެވެ.
ޝާޒްގެ ވާހަކައިން ހާމަވީ މިވަގުތަށް އަދި އެފަދަ ނުރައްކަލެއް ކުރިމަތި ނުވެ ޣައްޒާއާ ގާތްވަމުންދާކަމެވެ. ނަމަވެސް ދަތުރުމަތީގައި ކުރިއަށްހުރި ވަގުތުތަކުގައި ކަންތައް ވާނެ ގޮތެއް ޚުދު ޝާޒްއަކަަށްވެސް ނޭނގެއެވެ. ޝާޒްގެ މި ދަތުރަކީ ދިވެހިންގެ މަސައްކަތުން ހޯދާފައިވާ އެހީގެ ސާމާނުތައް ހިފައިން ކުރާ ދަތުރެކެވެ. އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކަށް ފަސްޖެހުމެއްނެތި ޝާޒް އެ ނުކުތީ ދިވެހިން ހެޔޮ ހިތުން ފަލަސްޠީނުގެ ރައްޔިތުންނަށް ދިން އެހީގެ ސާމާނުތައް އަމާނާތްތެރިކަމާއެކު އޭގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށެވެ.
ޝާޒް ކުރަމުން އަންނަ ދަތުރުގެ އަދާހަމަކުރުންތައް ކޮންމެ ދުވަހަކުވެސް އޭނާ އެބަ ހިއްސާކުރެއެވެ. މީސްމީޑިޔާގެ މަންސަތަކުގައި ޝާޒް ކޮންމެ ދުވަހަކު ހިއްސާ ކުރާ ވީޑިޔޯތަކަށް އާންމުން އަންނަނީ ޝުކުރުވެރިކަމުގެ ކޮމެންޓުތައް ކުރަމުންނެވެ. ދިވެހިންނަކީ ފަލަސްޠީނުގެ ހައްގުގައި ފަރުދީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރާ ބައެކެވެ. ފަންޑްރައިޒިންގ އިވެންޓުތަކާއި ފައިސާއާއި ކާބޯތަކެތި ފަލަސްޠީނު ރައްޔިތުންނަށް ހޯދައި ދިނުމަށް ކެމްޕެއިންތައް އަބަދުވެސް ދިވެހިން ބާއްވައެވެ.
މިއީ ދިވެހި ރައްޔިތުންގެ ހިތުގައި ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނާމެދު އޮންނަ ލޯތްބެވެ. މި ލޯބި ހިފައިގެން ނުރައްކާތެރި ދަތުރެއް ކުރަމުން އަންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޝާޒްއަށް ދިވެހިންގެ ހިފެހެއްޓުމެއް ނެތް ލޯތްބާ ތަޢުރީފު މީސްމީޑިޔާއަށް ދަނީ އޮއްސަމުންނެވެ. ކެތްތެރިކަމެއްނެތި ދިވެހިން ނުތަނަވަސް ހިތަކައިގެން އިންތިޒާރު ކުރަމުން އަންނަނީ "ސަލާމަތް ދަތުރަކައިގެން ފަލަސްޠީނުގެ ޣައްޒާއަށް ވަދެވިއްޖެ" ކަމަށް ބުނެ ޝާޒް ހިއްސާ ކުރާނެ ވީޑިޔޯއަކަށެވެ. އުއްމީދަކީ ﷲގެ ރަޙުމަތުން އެ ދަތުރު ކާމިޔާބުވެ، ޣައްޒާގެ ރައްޔިތުންނަށް ދިވެހިންގެ އެހީތެރިކަން ފޯރާނެ ކަމެވެ.