ޚަބަރު
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފަށައި، ނައިބު ރައީސްގެ އަތްޕުޅުން ރިސްކް މެނޭޖްމަންޓް ފްރޭމްވޯކްއާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވައިފި

ރިސްކް މެނޭޖްމަންޓް ފްރޭމްވޯކްއާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވުން
ދައުލަތުގެ އިންޓަރނަލް އޮޑިޓް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބާއްވާ، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް 170 އަށް ވުރެ ގިނަ ބައިވެރިންނާއެކު މިއަދު ފަށައިފިއެވެ. އިސްލާމީ މަރުކަޒުގެ ކޮންފަރެންސް ހޯލުގައި ކުރިއަށްދާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފްއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ ދައުލަތުގެ މާލިއްޔަތު ހިންގުމުގައި އިންގިލާބީ ބަދަލެއް ގެނުވުމަށް އެހީތެރިވެދޭނެ މުހިންމު ދެ ފްރޭމްވޯކެއް އިފްތިތާހުކޮށްދެއްވާފައެވެ. އެއީ، ރިސްކް މެނޭޖްމަންޓް ފްރޭމް ވޯކާއި ސްޓޭޓް އިންޓަރނަލް އޮޑިޓް ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2026-2028 އެވެ. މިރަސްމިއްޔާތުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، ރިސްކް މެނޭޖްމަންޓް ފްރޭމްވޯކްގެ ދަށުން، ދައުލަތަށް ކުރިމަތިވެދާނެ ހިރާސްތައް ދުރާލާ ދެނެގަނެ، އެކަންކަމަށް ތައްޔާރުވުމުގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މިއީ ޒިންމާދާރުކަމާއެކު އިންތިޒާމުތައް ހަމަޖެއްސުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، އައު ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން މިހާރު އޮތް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ޑިޖިޓަލައިޒޭޝަނަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެއެވެ.
މިއީ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ 3 ވަނަ ކޮންފަރެންސެވެ. މި އަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ "ޑްރައިވިން ޕަބްލިކް ވެލިއު؛ އިންޓަރނަލް އޮޑިޓް އިން އީރާ އޮފް ޗެންޖް އެންޑް އެކައުންޓަބިލިޓީ" އެވެ. މި ޝިޢާރު ބިނާވެފައިވަނީ ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީކުރުވުމުގައި އިންޓަރނަލް އޮޑިޓްގެ ދައުރާއި އާންމު މަސްލަހަތު ކުރިއެރުވުމުގެ މައްޗަށެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ދައުލަތުގެ އެކި އިދާރާތަކާއި މުޢައްސަސާތަކުން އޮޑިޓިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެއެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީގެ ޗެއަރޕާސަން ރީމާ ރަޝީދު ވަނީ މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ، މި ކޮންފަރެންސްގެ ސަބަބުން މި ދާއިރާ ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. "އަޅުގަނޑު ދަންނަވާނީ މިއީ ހަމައެކަނި ފަންނީ ހުނަރުތަކާއި މަޝްވަރާތަކަށް ބިނާވާ ކޮންފަރެންސެއް ނޫނޭ. މިއީ އަޅުގަނޑުމެންގެ އައު ދިރުމަށް ގެނެސްދޭ މަސައްކަތެއް. ކޮންފަރެންސް ބައިވެރިން ތަޖުރިބާއާއި ޚިޔާލު ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން" ރީމާ ވިދާޅުވިއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އޮޑިޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް ޙިއްސާ ކުރެވޭނެއެވެ. އަދި އިންޓަރނަލް އޮޑިޓަރުންނަށް ދިމާވާ ގޮންޖެހުންތަކާއި އެ މައްސަލަތައް ހައްލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، އަމަލީ ގޮތުން އޮޑިޓްކުރުމާއި އޮޑިޓް ރިޕޯޓުހެދުމުގެ ވޯކްޝޮޕްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދައުލަތުގެ އިންޓަރނަލް އޮޑިޓަކީ ދައުލަތުގެ ނަމުގައި ހިނގަމުންދާ އެކައުންޓްތަކާއި ފަންޑުތަކާއި، ދައުލަތުގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ބާރުލިބިގެން މާލީ ވުޒާރާއިން ޤާއިމުކޮށްފައިވާ ނިޒާމެކެވެ. ދައުލަތުގެ މުދަލާއި ފައިސާ އަދި ލިޔެކިޔުންތައް ބަލަހައްޓައި، ކަންކަން ކުރިއަށް ދަނީ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށްތޯ ބެލުމަކީ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ޒިންމާއެކެވެ.