ޚަބަރު
ރާއްޖޭގެ ދަރަނި އަނބުރާ ދެއްކުން ފަސްކޮށްދިނުމާ ގުޅޭ ހުރިހާ އެއްބަސްވުންތައް ނިންމާލެވިއްޖެ: ޗައިނާ ސަފީރު

ޗައިނާގެ ސަފީރު ކޮންގް ޒިޔަންހުއާ ފޮޓޯ: ރައީސް އޮފީސް
ޗައިނާގެ ޕީޕަލްސް ރިޕަބްލިކް އުފެއްދިތާ 76 އަހަރު ފުރުމާއި، ކުރިއަށް އޮތް ޗައިނާގެ މިޑް-އޮޓަމް ފެސްޓިވަލް ފާހަގަކުރުމަށް މާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޒިޔަންހުއާ، ރާއްޖެއާއި ޗައިނާގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ޗައިނާއިން ބޭނުންވާކަމަށް ހާމަކުރައްވައިފިއެވެ. މި ރަސްމިއްޔާތުގައި ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ދަރަނި ހައްލުކުރުމުގެ އެއްބަސްވުންތައް ފުރިހަމަކުރެވިފައިވާކަމަށް އިއުލާނު ކުރައްވާފައެވެ.
ސަފީރު ކޮންގް ޒިޔަންހުއާގެ ތަޤުރީރުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ރަޙްމަތްތެރިކަމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާފައިވާ ހުރިހާ ފަރާތްތަކަށް ޗައިނާގެ އެމްބަސީގެ ފަރާތުން ހިތުގެ ފުންމިނުން އިޚްލާސްތެރި ޝުކުރު އަދާކުރެއްވިއެވެ.
މީގެ 76 އަހަރު ކުރިން، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރޝިޕްގެ ދަށުން ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދިގެން ދިޔަފަހުން، މިއަދު ޗައިނާ ވަނީ ދުނިޔޭގެ ތަރައްޤީގެ މައިގަނޑު އެއް ބާރަކަށްވެ، އިންސާނިއްޔަތަށް މޮޑަރނައިޒޭޝަންގެ އައު މަގެއް ދައްކާފައެވެ.
ސަފީރުގެ ތަޤުރީރުގައި ފާހަގަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރަކީ ޗައިނާގެ 14 ވަނަ ފަސް އަހަރު ދުވަހުގެ ރާވައިގެން ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތް ނިމޭ އަހަރެވެ. މި ފަސް އަހަރުގެ ތެރޭގައި ޗައިނާގެ ތަރައްޤީގެ މުހިންމު ތިން ސިފައެއް ވަނީ ފާހަގަ ކުރެވިފައެވެ. އެއީ،
- މި އަހަރު ނިމޭއިރު ޗައިނާގެ ޖީ.ޑީ.ޕީ 140 ޓްރިލިއަން ޔުއާން (ގާތްގަނޑަކަށް 20 ޓްރިލިއަން ޑޮލަރު) އަށް އަރާނެކަމަށް ލަފާކުރެވެއެވެ. މި ފަސް އަހަރުގެ ތެރޭގައި 35 ޓްރިލިއަން ޔުއާން އިތުރުވާނެކަމަށް ބެލެވޭއިރު، މިއީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ވުރެ ބޮޑު އަދަދެކެވެ. ޗައިނާ އަދިވެސް ވަނީ ތަރައްޤީވަމުން އަންނަ ޤައުމެއްގެ ގޮތުގައި ދެމިހުރެ، މަލްޓިލެޓަރަލް ޓްރޭޑިންގ ސިސްޓަމަށާއި، ދުނިޔޭގެ އިޤްތިޞާދީ ގަވަރނަންސް ސިސްޓަމް އިސްލާހުކުރުމަށް ކޮށްފައިވާ ދަޢުވާތަކުގައި ސާބިތުކަންމަތީގައެވެ.
- ޓެކްނޮލޮޖީގެ އީޖާދުތަކުގެ ސަބަބުން ޗައިނާގެ ސިނާއަތްތައް ދަށް ފެންވަރުން މަތީ ފެންވަރަށް ބަދަލުވަމުންދާއިރު، މިއީ ދުނިޔޭގެ ލީޑަރެއްގެ ދައުރު އަދާކުރަމުން އަންނަ ތަރައްޤީއެކެވެ. އިޤްތިޞާދީ ކުރިއެރުމާއި ސައިންސުގެ ތަރައްޤީގެ ފޮނި ނަތީޖާއެއްގެ ގޮތުން ޗައިނާގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ލައިފް އެކްސްޕެންޓެންސީ ވަނީ 79 އަހަރަށް އަރާފައެވެ.
- ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ޗައިނާގެ ޖީ.ޑީ.ޕީގެ ކޮންމެ ޔުނިޓަކުން ބޭނުންކުރާ ހަކަތައިގެ މިންވަރު %11.6 ދަށްވެފައިވެއެވެ. މިއީ 1.1 ބިލިއަން ޓަނުގެ ކާބަން ޑައިއޮކްސައިޑް މަދުކުރުމާ އެއްވަރުގެ ކަމެކެވެ. ރައީސް ޝީ ޖިންޕިންގް ވަނީ 2035 ވަނަ އަހަރާ ހަމައަށް ޗައިނާގެ އިޤްތިޞާދުގެ ނެޓް ގްރީންހައުސް ގޭސް އެމިޝަން 7 އިން 10 އިންސައްތައަށް ދަށްކުރުމަށް އަޒުމްކަނޑައަޅުއްވާފައެވެ.
ސަފީރު ކޮންގް ޒިޔަންހުއާ އިތުރަށް ވިދާޅުވީ، ރާއްޖެއާއި ޗައިނާއާ ދެމެދުގައި ރަޙްމަތްތެރި ގުޅުމުގެ ދިގު ތާރީޚެއް 600 އަހަރަށްވުރެ ގިނަ ދުވަހު އޮތްކަން ހާމަވާ ކަމަށެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 53 އަހަރުގެ ތެރޭގައި މިހާ މަތީ ފެންވަރަކަށް ގުޅުން ބަދަހިވުމަކީ ހައިރާންކުރަނިވި ކަމެއް ނޫން ކަމަށެވެ. ފާއިތުވި އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޝީ ޖިންޕިންގްއާ އެކު ދެ ޤައުމުގެ ގުޅުން ކޮމްޕްރެހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕްއަކަށް މަތިކޮށް، ދިވެހިރާއްޖެއާއި ޗައިނާއަށް އުފާވެރި މުސްތަޤްބަލެއް ކަށަވަރުކުރުމަށް އެއްބަސްވެވަޑައިގެންނެވިއެވެ. މިހާރު ދިވެހިރާއްޖެ-ޗައިނާ ގުޅުން ވަނީ އައު ބާބެއް ފަށާފައެވެ.
ސަފީރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ވަރުގަދަ ލީޑަރޝިޕްގެ ދަށުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ފުޅާކޮށް، ދެމެހެއްޓެނިވި ގޮތަކަށް ކުރިއެރުވުމަށް އަދި ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުމަށް ކުރައްވާ މަސައްކަތްތައް ޗައިނާއިން ބަލައިގަންނަ ކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް ރާއްޖެއިން މަލްޓިލެޓަރަލް ފޯރަމްތަކުގައި އަދާކުރާ މުހިންމު ދައުރަށް ޗައިނާއިން ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
ޗައިނާއިން އަބަދުވެސް ރާއްޖޭގެ މިނިވަންކަމަށް އެއްބާރުލުންދީ ރާއްޖޭގެ ޤައުމިއްޔަތާ އެއްގޮތަށް ތަރައްޤީގެ މަގު ހޯދުމަށް އެހީތެރިވެ، ދުނިޔޭގެ މައްސަލަތަކުގައި އިތުރަށް އިސް ދައުރެއް އަދާކުރުމަށް އެހީތެރިވާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދަރަނީގެ ހައްލުކުރުމުގެ އެއްބަސްވުންތައް ފުރިހަމަކުރެވިފައިވާކަމަށް ސަފީރު އިއުލާނު ކުރެއްވިއެވެ. މި އެއްބަސްވުންތަކުން ދިވެހިރާއްޖޭގެ ފިސްކަލް އަދި މާލީ ހަމަޖެހުމަށް ޗައިނާ ސަރުކާރުން ދޭ ބޮޑު އެހީތެރިކަން ހާމަވާކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މީގެ އިތުރުން، ރާއްޖޭގެ ސަރުކާރުން ހިންގާ އިސްލާހީ މަސައްކަތްތަކަށާއި، ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ދުރުމުސްތަޤްބަލަށް ޗައިނާއިން ކުރާ އިތުބާރުވެސް މި އެއްބަސްވުންތަކުން ފެންނަކަމަށް ވިދާޅުވިއެވެ.
ޗައިނާގެ އެހީގައި ހިންގާ ތިން ބޮޑު މަޝްރޫޢު ކަމަށްވާ، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް، މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުން، އަދި 50 ރަށު ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރިއަރާފައިވާކަމަށާއި، މި މަޝްރޫޢުތައް ވަރަށް އަވަހަށް އޭގެ އަމަލީ މަސައްކަތުގެ މަރުހަލާއަށް ވަންނާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ޗައިނާއިން ރާއްޖެއަށް ކުރާ އިންވެސްޓްމަންޓް (އެފް.ޑީ.އައި) އިތުރުވަމުންދާކަމަށާއި، ރައީސް ޑރ. މުޢިއްޒުގެ ހާޒިރުގައި މި މަހު ކުރީކޮޅު ބެއިޖިންގައި 11 އެމް.އޯ.ޔޫގައި ސޮއިކުރެވިފައިވާ ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ. މި އެމް.އޯ.ޔޫތަކުގައި ހިމެނެނީ އިއާދަކުރަނިވި ހަކަތަ، މަސްވެރިކަން، ދަނޑުވެރިކަން، އަދި ހުނަރުވެރި ތަޢުލީމުގެ ދާއިރާތަކެވެ. ބޭންކް އޮފް މޯލްޑިވްސްއިން ޗައިނާ ޔުއާން އެކައުންޓްތައް ހުޅުވުމުން ލޯކަލް ކަރަންސީ ބޭނުންކުރުމަށްވެސް މުހިންމު ކުރިއެރުމެއް ލިބިފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރުގެ ތަޤުރީރު ނިންމަވާލައްވަމުން، ދެ ޤައުމުގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމަކަށް އެދިވަޑައިގެންނެވިއެވެ. އަދި ޗައިނާގެ ޕީޕަލްސް ރިޕަބްލިކްއަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް ތަރައްޤީއާއި ދެމެހެއްޓެނިވި ކުރިއެރުމަށް އެދިވަޑައިގަންނަވާކަމަށާއި، ދިވެހިރާއްޖެ-ޗައިނާގެ ރަޙްމަތްތެރިކަން އަންނަން އޮތް ޖީލުތަކަށްވެސް ދެމިގެންދިޔުމަށް އެދިވަޑައިގެންނެވިއެވެ.