ޚަބަރު
ހުޅުމާލެއިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

މަސްތުވާތަކެތި/ފޮޓޯ: ފުލުހުން
ހުޅުމާލެ ފޭސް 2 އިން މަސްތުވާތަކެތި ހޯދައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެދަށަށް ގެނެސްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިތަކެތި ފެނިފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު ކަމަށެވެ.
އެގޮތުން، ޕެޓްރޯލްކުރަމުން ދިޔައިރު ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރު 11 ސިޑިބަރި ކައިރީ ހުންނަ ފަޔަރ ހޯސްޓް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މިތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން ގެންދަނީ މި މައްސަލަ ތަޙުޤީގު ކުރަމުންނެވެ.