ޚަބަރު
އިންޓަރނަލް އޮޑިޓް ހަރުދަނާކޮށްގެން ދައުލަތުގެ މުއައްސަސާތައް ކޮރަޕްޝަން ނެތް ތަންތަނަށް ހެދޭނެ: ނައިބު ރައީސް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފޮޓޯ:ޕީއެސްއެމް
ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި ކޮރަޕްޝަނާ ދެކޮޅު ރައްޔިތުންގެ އިތުބާރާއި، ރައްޔިތުންނަށް މަންފާ ލިބޭ ތަންތަނުގެ ގޮތުގައި ހެދޭނީ އިންޓަރނަލް އޮޑިޓް ހަރުދަނާކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް 2025 ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިންޓަރނަލް އޮޑިޓްގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ހޯދުމުގެ މަގުސަދުގައެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް ވިދާޅުވީ، ޤައުމުގެ ހިންގުން ހަރުދަނާކޮށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތް ހަރުދަނާކޮށް ރައްޔިތުންނަށް މަންފާއާއި ފައިދާ ލިއްބައިދޭނެ ނިޒާމެއް މިޤައުމުގައިވެސް ޤާއިމްކޮށްފައިވާކަމަށެވެ. އެގޮތުން، 26 ޖެނުއަރީ 2006 ގައި އަމަލުކުރަން ފެށި ދައުލަތުގެ މާލިއްޔަތު ޤާނޫނުން ދައުލަތުގެ ފައިސާއާއި މުދާ އޮޑިޓްކުރެވޭނެ ނިޒާމެއް ޤާއިމްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވަނީ މިނިޒާމަށް މިއަދު ދިމާވެފައިވާ ހިރާސްތަކަކީ ކޮބައިކަން ދެނެގަނެ، އިންޓަރނަލް ކޮންޓްރޯލްތައް ވަރުގަދަކޮށް ފަހި ނަތީޖާއެއް ނެރެދިނުމަށް އެހީވެދޭ ބަޔަކަށްވުމަށް އިންޓަރނަލް އޮޑިޓަރުން އަޒުމް ކަނޑައެޅުމަށް ގޮވާލައްވާފައެވެ. އަދި އިންޓަރނަލް އޮޑިޓަރުން އެބޭފުޅުންގެ މަސައްކަތްކުރުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން މިސަރުކާރުން ޤަބޫލްކޮށް، އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަން ހާމަކުރެއްވިއެވެ. މިގޮތުން، އިންޓަރނަލް އޮޑިޓަރުންނަށް ޚާއްސަ އޮނިގަނޑެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވައި، ކައިރި މުސްތަޤްބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓަރނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮބަދަލެއް އަންނާނެކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނު ދެއްވިއެވެ.
މިއަހަރުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެ ޝިޢާރަކީ "ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީ ކުރުވުމުގައި އިންޓަރނަލް އޮޑިޓްގެ ދައުރާއި، އާންމު މަސްލަހަތު ކުރިއެރުވުން" އެވެ. މިޝިޢާރުންވެސް ފާހަގަވެގެންދަނީ ދުނިޔެ ބަދަލުވަމުންދާ ދިއުމުގައި ދިމާވާނެ ހިރާސްތަކާއި ގޮންޖެހުންތަކަށް އޮޑިޓަރުން ފާރަވެރިވުމުގެ މުހިންމުކަމެވެ. އިންޓަރނަލް ކޮންޓްރޯލް ވަރުގަދަކުރެވިއްޖެނަމަ ދައުލަތުން ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީވެސް އޭގެއެންމެ ފުރިހަމަ މަންފާ ލިބޭނެ އެއްޗަކަށް ހެދިގެންދާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ 2026 އިން 2028 އަށް އެކުލަވާލެވިފައިވާ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކާއި، ސްޓޭޓް އިންޓަރނަލް ކޮމިޓީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހްކޮށްދެއްވާފައެވެ. މިއީ މާލީ އިދާރާގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރެވޭ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް ކުޑަކޮށް، އިޤްތިސާދަށް ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ޕްލޭނެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އަދި މިކޮންފަރެންސްގައި އޮޑިޓްގެ ދާއިރާގެ ފަންނީ ބޭފުޅުންގެ އިލްމާއި ތަޖްރިބާގެ އަލީގައި ބައިވެރިންނަށް އައު ކަންކަން ދަސްކުރެވި، މިދާއިރާގައި ހުރި ހުރިހާ ހިރާސްތަކާއި، ގޮންޖެހުންތައް ދެނެގަނެވި އެކަންކަން ހައްލުކުރެވޭނެފަދަ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކޮންފަރެންސަކަށް މިކޮންފަރެންސް ވެގެންދާނެކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.