ކުޅިވަރު
ދިވެހި ލީގު: މާޒިޔާއަށް ހުއްޓުމެއް ނެތް، ބުރު ސްޕޯޓްސް ބަލިކޮށް އެއްވަނައަށް

މާޒިޔާގެ ފުރަތަމަ ގޯލު ކާމިޔާބުކުރި ހަމްޒާ އުފާފާކުރަނީ، ފޮޓޯ: މިހާރު ސްޕޯޓްސް
ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން، ބުރު ސްޕޯޓްސް ކްލަބް 3-0އިން ބަލިކުރުމަށްފަހު، ލީގުގެ އެއްވަނައަށް އަރައިފިއެވެ.
މާޒިޔާއިން މި މެޗަށް ނިކުތްއިރު ވަނީ ލީގުގައި އެ ޓީމުން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗުގައި އެ ޓީމުން އީގަލްސް ބަލިކުރީ 5-1އިންނެވެ. އަދި ދެވަނަ މެޗުގައި މިދިޔަ ހަފްތާ ޓީސީ ސްޕޯޓްސް ބަލިކުރީ 3-0އިންނެވެ.
ބުރު ސްޕޯޓްސްއިން މި މެޗަށް ނިކުތީ 4 ޕޮއިންޓާއެކުއެވެ. އެ ޓީމުން ފުރަތަމަ މެޗުގައި 5-0އިން ވިކްޓްރީ ބަލުކުރި ނަމަވެސް، ދެވަނަ މެޗުގައި އީގަސްލްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 2-2އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ރަގަޅު ހަމަލާތަކެއް އުފައްދާފައި ވެއެވެ. ނަމަވެސް ގިނަ ހަމަލާތައް ފެނިގެން ދިޔައީ މާޒިޔާގެ ފަރާތުންނެވެ.
މާޒިޔާއިން މި މެޗުގައި ލީޑު ނަގާފައި ވަނީ، 33ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު ކާމިޔާބުކުރި ގޯލަކުންނެވެ. އަދި ހާފު ނިމުމުގެ ކުރިން ހަމްޒާގެ ގޯލަށް އެސިސްޓްކޮށްދިން ނާއިޒް މުޙައްމަދު (ދާދު) ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކޮށްދިން 5 ވަނަ ގޯލެވެ.
މާޒިޔާގެ ފަހު ގޯލު ކާމިޔާބުކުރީ ހިލޭޖެހުމަކުންނެވެ. މެޗުގެ ގަޑިއެއްހާއިރު ކުޅެވުނު ފަހުން އޭރިއާ ބޭރުން ލިބުނު މި ހިލޭޖެހުން ކާމިޔާބުކޮށްދިނީ އިބްރާޙިމް އައިސަމްއެވެ.
ދިވެހި ލީގުގެ ދެ މެޗެއް މިއަދު ވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ވެލެންސިއާ އާއި ނިއުރޭޑިއަންޓެވެ. އަދި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ގްރީން ސްޓްރީޓްސްއެވެ.