ކުޅިވަރު

ޗެމްޕިއަންސް ލީގު: ގަލަޓަސަރާއީއިން އިސްތާންބޫލްގައި ލިވަޕޫލް ބަލިކޮށްފި

ޗެމްޕިއަންސް ލީގު: ގަލަޓަސަރާއީއިން އިސްތާންބޫލްގައި ލިވަޕޫލް ބަލިކޮށްފި

ގަލަޓަސަރާއީއަށް ލީޑު ނަގައިދިނުމަށްފަހު ވިކްޓަރ އޮސިމޭން އުފާފާޅުކުރަނީ / ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 އޮކްޓޯބަރު 2025، 06:45

01 އޮކްޓޯބަރު 2025، 06:45

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގަލަޓަސަރާއީއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ބަލިވެ، ލިވަޕޫލްއަށް މި ސީޒަންގައި ޖެހިޖެހިގެން ދެ މެޗުން ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެއެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލުން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް، އެ ޓީމު ވަނީ ބަލިވެފައެވެ. އެއަށްފަހު ރޭގެ މެޗަށް އެ ޓީމުގެ ކޯޗު، އާރނޭ ސްލޮޓް ނެގި ފުރަތަމަ އެގާރައިގައި، ޓީމުގެ ތަރި، މުޙައްމަދު ސަލާޙް ހިމަނާފައެއް ނުވެއެވެ. އަދި ލީގުގެ ރެކޯޑު ފީއެއްގައި މިދިޔަ މަހު އެ ޓީމަށް ގެންދިޔަ އެލެކްސެންޑަރ އިސާގު ވެސް ހިމަނާފައެއް ނުވެއެވެ. މި ދެ ކުޅުންތެރިން ވެސް ކުޅެން ނެރެފައި ވަނީ މެޗުގެ ގަޑިއެއްހާއިރު ކުޅެވުނު ފަހުންނެވެ. 

ބަލިވުމުގެ އިތުރުން، މި މެޗުގައި ލިވަޕޫލްގެ އެއް ނަންބަރު ގޯލްކީޕަރު، އެލިސަން ބެކާރއަށް އަނިޔާވެގެން ދަނޑުން ބާލަން ޖެހުމަކީ، އެ ޓީމުގެ ކޯޗަށް ލިބުނު އިތުރު ބޮލުރިހުމެކެވެ. އެލިސަންއަށް އަނިޔާވެފައި ވަނީ ދެވަނަ ހާފުގައި ގަލަޓަސަރާއީގެ ފޯވާރޑް، ވިކްޓަރ އޮސިމޭން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައެވެ.

މި މެޗުގައި ގަލަޓަސަރާއީއަށް ލީޑު ނަގައިދިނީ ވެސް އޮސިމޭންއެވެ. އެއީ މެޗުގެ 16 ވަނަ މިނެޓުގައި ލިވަޕޫލްގެ ފުލްބެކަކަށް ކުޅެމުން އަންނަ މިޑްފީލްޑަރު، ޑޮމިނިކް ސޮބޯޒްލާއި، ބެރިސް އަލްޕާ ޔިލްމާޒްއަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ. 

އެ ޕެނަލްޓީއަކީ ލިވަޕޫލްގެ ކޯޑީ ގަކްޕޯ ގަލަޓަސަރާއީގެ ގޯލަށް އަމާޒުކޮށް ފޮނުވާލީ ނުރައްކާތެރި ހަމަލާއެއް، ކުރިން ޓޮޓެންހަމް ހޮޓްސްޕަރއަށް ކުޅުނު ޑޭވިޑް ސަންޗޭޒް ގޯލުގެ ލައިން މަތިން ސަލާމަތްކުރިތާ މިނެޓެއް ހާއިރު ވެސް ނުވަނީސް އެ ޓީމަށް ލިބުނު ޕެނަލްޓީއެކެވެ. 

މި މެޗުގައި ރެފްރީ ވަނީ، އިބްރާހިމާ ކޮނާޓޭއަށް ކުރި ފައުލަކަށް ލިވަޕޫލްއަށް ވެސް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެ ނިންމުން ރަގަޅު ނޫންކަމަށް ބުނެ، ބަދަލުކޮށްފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ 3 ޕޮއިންޓާއެކު ޗެމްޕިއަންސް ލީގުގެ ލީގު-ފޭސްގެ ތާވަލުގެ 16 ވަނައިގައެވެ. އަދި ގަލަޓަސަރާއީއަށް ވެސް ދެ މެޗުން ލިބިފައި ވަނީ 3 ޕޮއިންޓެވެ. އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގައެވެ. 

މި މުބާރާތުގެ މެޗެއް ލިވަޕޫލްއަށް ދެން އޮންނާނީ މި މަހުގެ 23ވަނަ ދުވަހުއެވެ. ޖަރުމަނުގައި ކުޅޭ އެ މެޗަށް ލިވަޕޫލުން ނިކުންނާނީ އެއިންޓްރެޗް ފްރެންކްފާޓްއާ ދެކޮޅަށެވެ. އަދި ގަލަޓަސަރާއީ ދެން ކުޅޭ މެޗު އޮންނާނީ އޭގެ އެއް ދުވަސް ކުރިންނެވެ. އެ ޓީމުން ނިކުންނާނީ ބޯޑޮ/ގްލިމްޕްޓްއާ ދެކޮޅަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން