ކުޅިވަރު
ދިވެހި ލީގު: ޒުވާން ސުހާދުގެ ހެޓްރިކަކުން ޔޫވީއިން ފަހަތުން އަރައި ޓީސީ ބަލިކޮށްފި

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ޒުވާން ފޯވާރޑް، ހުސެއިން ސުހާދު ސުހާން ބޯޅަ ހިފައިގެން ދަނީ---
ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ޒުވާން ފޯވާރޑް، ހުސެއިން ސުހާދު ސުހާން ހެދި ހެޓްރިކާއެކު، އެ ޓީމުން ފަހަތުން އަރައި 4-1އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.
އުމުރުން އެންމެ 17 އަހަރުގެ ސުހާދުގެ ހެޓްރިކަކީ، ފަހު ހާފުގެ 10 މިނެޓުގެ ތޭރަގައި އޭނާ ފުރިހަމަކުރި ހެޓްރިކެކެވެ.
ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުން، މި ތަނުން އެއްވެސް ޓީމަކަށް ޕޮއިންޓެއް ލިބިފައި ނުވުމުން، މި މެޗަށް ޔޫވީ އާއި ޓީސީ ވެސް ނިކުތީ ޕޮއިންޓެއް ހޯދުމުގެ އަޒުމުގައެވެ.
މެޗުގައި ޓީސީއިން ލީޑު ނެގީ، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އަހުމަދު ރިލްވާން (ބެން) ކާމިޔާބުކުރި ގޯލަކުންނެވެ.
ޓީސީއިން ލީޑު ނަގާފައި ވަނިކޮށް މެޗުގެ ނަތީޖާ އަނބުރާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ސުހާދުއެވެ. އޭނާ ޔޫވީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފުގެ 3ވަނަ މިނެޓުގައި، އެ ޓީމުގެ ޝަނާން ރަޝާދު އޭރިއާބޭރުން ފޮނުވާލި ބޯޅައެއް މަތަކުރުމަށް ޓީސީގެ ކީޕަރު، މިސްރުގެ އަބްދުލް ހަމީދު އުޅެނިކޮށް، އޭނާގެ އަތުގައި ޖެހިފައި ނިކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ސުހާދުގެ ދެވަނަ ގޯލަކީ ވެސް ރީބައުންސަކުން ޖެހި ގޯލެކެވެ. މި ފަހަރު ޓީސީގެ ގޯލަށް އަމާޒުކޮށް ހަމަލާ ފޮނުވާލީ އެ ޓީމުގެ މިސްރު ފޯވާޑް، މުސްތަފާ އަލް ސާޒްލީއެވެ. އެ ހަމަލާ ދަނޑިއަށް އަމާޒު ވިޔަސް، ރަގަޅު ތާނގައި ހުރި ސުހާދު ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ހެޓްރިކް ފުރިހަމަކޮށް ޔޫވީގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ވެސް ސުހާދުއެވެ. އެއީ މެޗުގެ 57 ވަނަ މިނެޓުގައި ޓީސީގެ ޑިފެންޑަރު، ހަސަން އީނާޒް ކައިރިން ނައްޓާލާފައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ޔޫވީގެ ހަތަރުވަނަ ގޯލު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް، 20 އަހަރުން ދަށުގެ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ މިޑްފީލްޑަރު، އިޝް އާފު މުޙައްމަދު ފިރާގުއެވެ. އިޝް އާފުގެ މި ގޯލަކީ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލެކެވެ.
މި ނަތީޖާއާއެކު ތިން ޕޮއިންޓު ކަށަވަރުކޮށް ޔޫވީ އޮތީ ވަގުތީ ގޮތުން ލީގުގެ ފަސްވަނައިގައެވެ.