ޚަބަރު
މަސްތުވާތަކެއްޗާއި ވޭޕް ހިމެނޭހެން، ރާއްޖެ އެތެރެކުރުން މަނާ ގިނަ ޢަދަދެއްގެ ތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 3 މީހުން: ފޮޓޯ/ފުލުހުން
މަސްތުވާތަކެއްޗާއި ވޭޕް ހިމެނޭހެން، ރާއްޖެ އެތެރެކުރުން މަނާ ގިނަ ޢަދަދެއްގެ ތަކެއްޗާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން 3 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، އެއްބަނޑު އެއްބަފާ ތިން މީހުންނެވެ. އެއީ ލ. މާބައިދޫ / ސޭޑީކޯނަރ، ނަޝްވާން މުޙައްމަދު (32އ) އާއި ނަޙުޒާން މުޙައްމަދު (25އ) އަދި ނަބުހާން މުޙައްމަދު (22އ) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިހިނގާ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު 4 މީހަކަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ތިން އެޕާޓްމަންޓެއް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަން ހިންގާފައިވަނީ ދިވެހި ފުލުހުންނާއި ކަސްޓަމްސް ސަރވިސްގެ މުވައްޒަފުން ގުޅިގެންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސްއާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ރާއްޖެ އެތެރެކުރުން މަނާ ގިނަ ޢަދަދެއްގެ ތަކެއްޗާއި އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތަކާއި އެ ހަތަރު މީހުންގެ މޯބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި، އެތަނުން އެކަކު ދުއްވި ސައިކަލާއި އެޕާޓްމަންޓު ބެލިއިރު، ގިނަ އަދަދެއްގެ ވޭޕްއާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 11،1880 ރުފިޔާގެ އިތުރުން އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
{{ img - 11263 - 1 }}
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނަޝްވާން މުޙައްމަދު (32އ) އާއި ނަޙުޒާން މުޙައްމަދު (25އ) ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ. އަދި ނަބުހާން މުޙައްމަދު (22އ) ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.