ޚަބަރު
ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ބަނގުރާ ނައްތާލަނީ/ފޮޓޯ: ފުލުހުން
ގދ. ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިތަކެތި ނައްތާލާފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި މި ބަނގުރާތައް ނައްތާލާފައިވަނީ ތިނަދޫ ސިޓީ ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރޭގައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނައްތާލާފައިވާ ބަނގުރާގެ ތެރޭގައި ހިމެނެނީ މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 27 ވަނަ ދުވަހާ ހަމައަށް ކާޑެއްދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެއާޕޯޓު އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ކަމަށެވެ. އަދި މީގެ ތެރޭގައި ހިމެނެނީ 57 ފުޅި ބަނގުރަލާއި 10 ބަނގުރާ ދަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.