ޚަބަރު
އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 1:17 އެހައިކަންހާއިރު މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ، ސ. ހިތަދޫ / ސަންރީފް. ޢަލީ އަސްޢަރު (30އ) އެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި މައްސަލައާ ގުޅިގެން ޢަލީ އަސްޢަރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މާރާމާރީގައި އަނިޔާވެފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި އޭނާއަށް ފަރުވާދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކަމަށާއި، އެ މީހާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ފުލުހުންނަަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.