ދުނިޔެ
އިންޑިއާގެ ބިޝްނޯއީ ގޭންގަކީ ޓެރަރިސްޓް ގޭންގެއްކަމަށް ކެނެޑާއިން ކަނޑައަޅައިފި

ލޯރެންސް ބިޝްނޯއީ
އިންޑިއާގެ ބިޝްނޯއީ ގޭންގަކީ "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައި ކެނެޑާއިން ރަސްމީކޮށް ކަނޑައަޅައިފިއެވެ.
މިގޮތަށް ކަނޑައެޅުމާއެކު، އެ ގޭންގުގެ އެސެޓްތައް ހިފެހެއްޓުމާއި، ފައިސާ ހޯދުން ހުއްޓުވުމާއި، "އެންޓި-ޓެރަރިޒަމް" ޤާނޫނުގެ ދަށުން މެންބަރުންނާ މެދު ދައުވާ އުފުލުމުގެ ބާރު އޮތޯރިޓީތަކަށް ލިބިގެންދާނެއެވެ.
ޕަބްލިކް ސޭފްޓީ މިނިސްޓަރ ގެރީ އަނަންދަސަންގަރީ މި ނިންމުން އިއުލާނުކުރައްވަމުން ވިދާޅުވީ، ބިޝްނޯއީ ގޭންގުން ވަނީ އެ ގައުމުގައި ދިރިއުޅޭ އިންޑިއަން ޑައަސްޕޯރާ މުޖުތަމައުތަކުގެ މެދުގައި ބިރުވެރިކަން އުފައްދާފައި ކަމަށެވެ.
"ވަކި މުޖުތަމައުތަކެއް ބިޝްނޯއީ ގޭންގުގެ ޓެރަރާއި، އަނިޔާވެރިކަމާއި، ބިރުދެއްކުމުގެ އަމާޒަކަށް ވެފައިވޭ. މި ކުށްވެރި ޓެރަރިސްޓުންގެ ގްރޫޕް މިގޮތަށް ލިސްޓުކުރުމުން އެމީހުންގެ ކުށްތައް ހުއްޓުވުމަށް މިހާރަށްވުރެ ހަރުދަނާ އަދި އަސަރުހުރި ވަސީލަތްތަކެއް އަޅުގަނޑުމެންނަށް ލިބިގެންދާނެ،" އަނަންދަސަންގަރީ ވިދާޅުވިއެވެ.
އިންޑިއާގެ ޖަލުގައި ހުރި ގޭންގްސްޓަރ ލޯރެންސް ބިޝްނޯއީ ހިންގާ މި ގޭންގަކީ، މައިގަނޑު ގޮތެއްގައި އިންޑިއާގައި ހަރަކާތްތެރިވާ، އަދި ކެނެޑާގައިވެސް ހާޒިރީ އޮތް، ބައިނަލްއަޤްވާމީ ކުށްވެރި ސިންޑިކެޓެއްގެ ގޮތުގައި ކެނެޑާގެ އޮފިޝަލުން ސިފަކުރެއެވެ.
އުމުރުން 32 އަހަރުގެ ބިޝްނޯއީ ވަނީ އިންޑިއާގައި 10 އަހަރު ވަންދެން ޖަލުގައި ބަންދުކޮށްފައެވެ. ނަމަވެސް މަސްތުވާތަކެތި ޓްރެފިކްކުރުމާއި، ހަތިޔާރު ވަގަށް އެތެރެކުރުމާއި، ބިރުދެއްކުމާއި، އަމާޒުކޮށްގެން މީހުން މެރުމުގައި ހަރަކާތްތެރިވާ ސަތޭކަ އެތައް މެންބަރުންގެ ނެޓްވޯކެއް ހިންގާ ކަމަށް ތުހުމަތުކުރެވެއެވެ.
މި ނިންމުމަކީ ކެނެޑާއާއި އިންޑިއާގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި އައި ނިންމުމެކެވެ. ޚާއްޞަކޮށް 2023 ވަނަ އަހަރުގެ ޖޫން މަހު ވެންކޫވަރު ސަރަހައްދުގެ ގުރުދުވާރާއެއްގެ ބޭރުގައި ސިއްކު އެކްޓިވިސްޓް ހަރުދީޕް ސިންގް ނިޖަރު މަރާލި މައްސަލައާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ.
ކެނެޑާގެ ސަރުކާރުން ބުނާ ގޮތުގައި މި "ޓެރަރިސްޓް" ލިސްޓިންގ އާއެކު، ގޭންގާ ގުޅުންހުރި މުދަލާއި ފަންޑުތައް ހިފެހެއްޓުމުގެ އިތުރުން، ގޭންގަށް މީހުން ރެކްރޫޓްކުރުމާއި، ފައިނޭންސްކުރުމާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރާ ގުޅޭ ހަރަކާތްތައް ހުއްޓުވުމަށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ބާރު އިތުރަށް ވަރުގަދަވެގެންދާނެއެވެ.