ޚަބަރު
ވަޤުތީގޮތުން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ ޝަންގްރި-ލާ ރިޒޯޓު މިއަހަރު ތެރޭގައި ހުޅުވަނީ

އައްޑޫ ސިޓީގެ ޝަންގްރި-ލާ ރިޒޯޓު--
ކޮވިޑް 19 ގެ ބަލިމަޑުކަމުގައި ވަޤުތީގޮތުން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ ޝަންގްރި-ލާ ރިޒޯޓު މިއަހަރު ތެރޭގައި ހުޅުވުމަށް ސަރުކާރުން ނިންމަވައިފިއެވެ.
އައްޑޫ ސިޓީގައި އޮންނަ 'ޝަންގްރި-ލާ ވިލިނގިލީ ރިޒޯޓް އެންޑް ސްޕާ' އަލުން އޮޕަރޭޝަނަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މި ރިޒޯޓަކީ، 2009 ވަނަ އަހަރު އައްޑޫ އިންވަސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ތަރައްޤީކޮށް ހިންގުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރިޒޯޓެކެވެ. އެގޮތުން، މި ރިޒޯޓު ބަންދުކުރުމުގެ ކުރިން 500 އަށް ވުރެ ގިނަ މުވައްޒަފުން ރިޒޯޓުގައި ވަޒީފާ އަދާކުރަމުންއާއިރު، މި ރިޒޯޓުގެ ޚިދުމަތްތައް ދިގު މުއްދަތަކަށް މެދުކެނޑިފައިފާ އޮތުމުން އެކަމާ ގުޅޭގޮތުން އައްޑޫ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި އެހެނިހެން ކަމާ ގުޅޭ ފަރާތްތަކާއެކު އަދުގެ ސަރުކާރުން ވަނީ މަޝްވަރާކުރައްވާފައެވެ.
ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރިޒޯޓުގެ ހިންގުން އަލުން ފަށައި، ރިޒޯޓު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި ރިޒޯޓަކީ އައްޑޫ ސިޓީގެ އިޤްތިޞާދުގެ މުހިންމު ތަނބެއްގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން ދެމިއޮތް ފަތުރުވެރިކަމުގެ މުހިންމު މަންޒިލެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ރިޒޯޓުގެ ޚިދުމަތްތައް ވަޤުތީގޮތުން ހުއްޓާލުމާއި ހަމައަށް އެ ރިޒޯޓުން ވަނީ އައްޑޫ ސިޓީއާއި އެ ސަރަޙައްދުގެ އެއަރޕޯޓުގެ ކަނެކްޝަންތައް އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ރިޒޯޓު ހުޅުވެގެން ދިއުމަކީ އައްޑޫ ސިޓީގެ އިޤްތިޞާދަށް އިތުރު ކުރިއެރުމާއި އާރޯކަމެއް ގެނެސްދޭނެ ކަމެއް ކަމަށެވެ. މީގެ އިތުރުން، މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢާތުގެ މަންފާ ޤައުމުގެ ހުރިހާ ސަރަޙައްދަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުމެއްކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.