ޚަބަރު
ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ' ގެ ނަމުގައި ބިދޭސީން މަސައްކަތްކުރުމަކީ ހުއްދަކަމެއް ނޫން: އިމިގްރޭޝަން

ބިދޭސީންގެ އޮޕަރޭޝަނެއް/ފޮޓޯ: ސަން އޮންލައިން
ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ' ގެ ނަމުގައި ބިދޭސީން މަސައްކަތްކުރުމަކީ ހުއްދަކަމެއް ނޫންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން، އެމީހުންނަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ، އެ އިދާރާއިން ކުރިއަށް ގެންދާ އެކި އޮޕަރޭޝަންތަކުގެ ތެރެއިން ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތްނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް، ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުންގެންދާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ' ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އިތުރުވަމުންދާކަމަށް އިމިގްރޭޝަނުން ފާހަގަކުރައްވައެވެ.
އެގޮތުން، ބިދޭސީންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ހޯދަމުން އަންނަކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މިގޮތަށް މަސައްކަތްކުރުމަކީ ޤާނޫނީގޮތުން ހުއްދަކަމެއް ނޫންކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ބިދޭސީ މުވައްޒަފުންނަށް މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވަނީ ހަމައެކަނި އެމީހުންނަށް ވިޒާ ދޫކޮށްފައިވާ ތަނުގައި، ހުއްދަ ދޫކޮށްފައިވާ މަސައްކަތް ކުރުމަށް އެކަނިކަމުގައި ވާއިރު، ވަޒީފާ ދޭ ފަރާތްތަކުން އެމީހުންގެ މުޒައްޒަފުން އެހެން ތަންތަނަށް މަސައްކަތްކުރަން ނުފޮނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަނިކޮށް ފާހަގަވެއްޖެނަމަ، އެފަދަ މުވައްޒަފުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، އަނބުރާ ފުރުވާލެވޭނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. ހަމަ އެހެންމެ، ވަޒީފާދިން ފަރާތްތަކަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް މަޢުލޫމާތުދެއެވެ.
އިިމިގްރޭޝަނުން ވިދާޅުވީ، މި މަސައްކަތުގެ މަޤްޞަދަކީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް އެމީހުން ޢަމަލުތައް ބައްޓަންކުރުން ކަމަށެވެ.