ޚަބަރު
ޔޫއޭއީގެ ލިޔުންތެރިއަކު ރާއްޖެ އިސްލާމްވި ހާދިސާއާ ގުޅޭ ވާހަކައެއް ޝާއިޢުކޮށްފި

ވާހަކަ ލިޔުންތެރިޔާ ިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމަށް ވާހަކައިގެ ކޮޕީއެއް ހަދިޔާ ކުރުން---

ފަރުދުން
29 ސެޕްޓެމްބަރު 2025، 11:28
29 ސެޕްޓެމްބަރު 2025، 11:28
އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ޒުވާން ލިޔުންތެރިއަކު ރާއްޖެ އިސްލާމްވި ހާދިސާއާ ގުޅޭ ކުޑަކުދިންގެ ވާހަކައެއް ޝާއިޢުކޮށްފިއެވެ.
މި ވާހަކަ ފޮތް ޝާއިޢުކޮށްފައި ވަނީ މި ސެޕްޓެންބަރު މަހުގެ 22އިން 26އަށް ޝާރުޖާގައި ކުރިޔަށް ދިޔަ، ޝާރުޖާ ނެރޭޓަރސް ފޯރަމް 2025ގައެވެ. މި ވާހަކައިގެ އަސްލު ލިޔެފައިވަނީ އަރަބި ބަހުންނެވެ.
ޝާރުޖާގެ ހެރިޓޭޖު އިންސްޓިޓިއުޓުން ނެރުނު މި ވާހަކަ ލިޔުނީ ނޫރާ ޚައްޔާލް ނަކަމަށް ކިޔާ ލިޔުންތެރިއެކެވެ.
"މަލްދީފިއްޔަން ޖަޒީރަތުއްނޫރު" މި ނަމުގައި އަރަބި ބަހުން ލިޔެ ޗާޕުކޮށްފައިވާ މި ވާހަކައިގެ ކޮޕީއެއް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމަށް ނޫރާ ވަނީ ވެދުން ކުރައްވާފައެވެ. ވަޒީރަށް ފޮތް ވެދުން ކުރުމަށްފަހު ނޫރާ ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވީ ދުވަހާއި ނޫރާގެ އުފަން ދުވަހާ އެއީ އެއް ދުވަހެއްކަމަށެވެ. އަދި މި ފޮތް ނެރެ ދިވެހި ރާއްޖޭގެ ވަޒީރަށް ވެދުމަށް މި އެރުވެނީ މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަހުގައި ކަމަށްވާތީ، އެ އިއްތިފާޤަށްޓަކައި ވަރަށް އުފާކުރައްވާކަމަށެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ދިވެހިރާއްޖެއާ ބެހޭ އެހާ މުހިންމު ވާހަކައެއް ލިޔުއްވީތީ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެ ރަމްޒުވާ ބައެއް ހަނދާނީ ހަދިޔާ ވެސް ވަޒީރު ވަނީ ލިޔުންތެރިޔާއަށް ދެއްވާފައެވެ.
ނޫރާގެ ވާހަކައިގެ އިނގިރޭސި ކޮޕީ ވެސް މިހާރު ވަނީ ނެރެފައެވެ.