Ads by Stelco

ޚަބަރު

ގެދޮރުވެރިޔާ މަޝްރޫޢުގެ 4،000 ހައުސިން ޔުނިޓުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ގެދޮރުވެރިޔާ މަޝްރޫޢުގެ 4،000 ހައުސިން ޔުނިޓުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

4،000 ހައުސިން ޔުނިޓުގެ ތަޅުދަނޑި ހަވާލުކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ސެޕްޓެމްބަރު 2025، 03:22

29 ސެޕްޓެމްބަރު 2025، 03:22

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކުރި 4،000 ހައުސިން ޔުނިޓުގެ ތަޅުދަނޑި، އެ ފުލެޓުތަކުގެ ހައްގުވެރިންނާ ހަވާލުކުރަން އިއްޔެ ފަށައިފިއެވެ. މި މަޝްރޫޢަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ބިނާކުރި ފުލެޓުތަކެކެވެ.
އިއްޔެ މި ފުލެޓުތައް ހަވާލުކުރަން ފެށުމުގެ ގޮތުން، އެ ފުލެޓުތައް އަޅާފައިވާ ސަރަހައްދުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލުވަނީ، އަމާން އުދަރެސް 14 ވަނަ ޓަވަރުން ފުލެޓު ލިބުނު އަންހެނަކަށް، ރަސްމީކޮށް އެޕާޓުމެންޓުގެ ތަޅުދަނޑި ހަވާލުކުރައްވާފައެވެ.

ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަމުންދަނީ، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކައި ނިންމާ ފަރާތްތަކަށެވެ. އެފްޑީސީން ދިން މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް 500 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ޑިޕޮސިޓު ދައްކާފައެވެ.

އެފްޑީސީން ހާމަކުރި ގޮތުގައި، އެންމެ ފުރަތަމަ މިހާރު ހަވާލުކުރަމުންދަނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ދޫކުރި ފުލެޓުތަކުގެ ތަޅުދަނޑިއެވެ. ތަޅުދަނޑި ދޫކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް ކުރިއަށްދާނެއެވެ. އަދި، އެހެނިހެން ޓަވަރުތަކުގެ ތަޅުދަނޑި ދޫކުރަން ފެށުމުން، އެކަން ކުންފުނީގެ ޕޯޓަަލް މެދުވެރިކޮށް އަންގަމުންދާނެކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ފުލެޓުތަކަށް ބަދަލުވުމުގައި އެހީތެރިވުމުގެ ގޮތުން ފަރުނީޗަރާއި ބަރު ތަކެތި ފުލެޓުތަކަށް އަރުވައިދިނުމުގެ ހިދުމަތްވެސް އެފްޑީސީން ފޯރުކޯށްދެއެވެ. މި ހިދުމަތް ހޯދުމަށް މިއަދުން ފެށިގެން ޕޯޓަލް މެދުވެރިކޮށް ބުކިން ހެދުމުން، އިމާރާތުގައި ތަކެތި ބެހެއްޓުމަށް ހާއްސަކޮށްފައިވާ ޖަގަ (ތަކެތި ބަހައްޓާނެ ވަކި ވަގުތު) ބުކްކޮށް، އެ ސަރަހައްދުގައި ތަކެތި ބެހެއްޓުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.

އެފްޑީސީން ބަޔާނެއް ނެރެ ބުނެފައިވަނީ، "ޓަވަރުތަކުގައި މީހުން އާބާދުކުރުމުގެ މަރުހަލާ މިގޮތަށް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ އާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު ޓަވަރުގެ އާއްމު ސަރަހައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް، ފަސޭހަ އަދި އެކަށީގެންވާ ރޭވުންތެރި ގޮތެއްގައި މި މަރުހަލާ ފުރިހަމަކުރުން،" ކަމުގައެވެ.

އަދި އެ ކުންފުނިންވަނީ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް މުހިއްމު މައުލޫމާތުތަކެއް ލިބޭނެ "އަމާން އަތްމަތީ ފޮތް" ނަމުގައި ވަކި ފޮތެއްވެސް ނެރެފައެވެ. މި ފޮތުން ފުލެޓުތަކާ ގުޅޭ އެކިއެކި މައުލޫމާތުތައް ލިބިގެންދާނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން