ޚަބަރު
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: ބަނދަރުގެ ތޮށި ނިމި، މަގުގެ މަސައްކަތް އަންނަ ހަފްތާގައި ފަށަނީ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން
މާލޭގެ މައި މަގެއް ކަމަށްވާ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިމި، މަގުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) އިން ވިދާޅުވެއްޖެއެވެ. އެކުންފުނިން މަސައްކަތް ކުރަނީ މަގުގެ ފުރަތަމަ ސެގްމަންޓްގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ފަސް ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އޭގެތެރެއިން ފުރަތަމަ ސެގްމަންޓްގައި ކުރިއަށްގެންދަނީ ލޯކަލް މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ހިމެނޭ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަސައްކަތެވެ.
މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓްސް މެނޭޖަރ ޝަރުވަސް ޢަބްދިﷲ ފާއިޒް ވިދާޅުވީ، ބަނދަރުގެ ޝީޓްޕައިލްކޮށް ނިމި، މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ. މިގޮތުން ފުރަތަމަ ސެގްމަންޓްގައި 132 މީޓަރުގެ ސަރަހައްދުގައި ޝީޓްޕައިލްކޮށްފައިވެއެވެ. ޝަރުވަސް ވިދާޅުވީ، އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށް އޮތް 6 ދުވަސްތެރޭ ނިމޭނެ ކަމަށާއި، އެއަށްފަހު އަންނަ މަހުގެ ތެރޭގައި މަގުގެ މަސައްކަތްތައް ފަށާނެ ކަމަށެވެ.
މި ފަށަނީ މަގުގެ މަސައްކަތްތައް. ހޮޅި ވަޅުލުމާ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމާއި ތާރުގެ މަސައްކަތްތައް. އޭގެ ޢަމަލީ މަސައްކަތްތައް ހަފްތާއެއްހާ ދުވަސްތެރޭ ފަށާނަން ޝަރުވަސް
ޝަރުވަސް
ޝަރުވަސް ވިދާޅުވީ، މަސައްކަތްތައް ކުރިއަށްދަނީ ޓައިމްލައިނަށްވުރެ ބާރަށް ކަމަށެވެ. "ތާރުއެޅުމުގެ ހުރިހާ މަސައްކަތްތަކަކާއެކު، ކުރިއަށްއޮތް ދެމަހެއްހާ ދުވަސްތެރޭ މަސައްކަތްތައް ނިންމާލުން އަމާޒަކީ." އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގުގެ ޖުމްލަ 830 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭގޮތަށެވެ. ފުރަތަމަ ސެގްމަންޓްގައި މަގު ފުޅާކުރުމަށް ބައެއް ވަނީ ހިއްކާފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.
ބޮޑުތަކުރުފާނު މަގަކީ މާލޭގެ އެންމެ މުހިންމު އަދި ކާރޫބާރޫ ބޮޑު އެއް ސަރަޙައްދެވެ. މިއީ މާލޭގެ މަލަމަތި ކަމަށް ބެލެވޭ މަގެއްގެ އިތުރުން، ގިނަ އޮފީސްތަކެއް ހިމެނޭ ސަރަޙައްދެކެވެ. އަދި މާލެއަށް ދަތުރުކުރާ ގިނަ ކަނޑު އުޅަނދުތައް ބޭނުންކުރާ މައި ސަރަޙައްދުވެސް މެއެވެ. މި މަސައްކަތްތަކާ ގުޅިގެން ބަނދަރު ސަރަހައްދު ބޭނުންކުރުމުގައި ވަގުތީގޮތުން ބައެއް ބަދަލުތައްވެސް ވަނީ ގެނެސްފައެވެ.