Ads by Stelco

ޚަބަރު

އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ ޅ. ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ ޅ. ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

45 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ސެޕްޓެމްބަރު 2025، 01:06

29 ސެޕްޓެމްބަރު 2025، 01:06

ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމަވާފައިވާ ޅ. ނައިފަރުގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ބޮޑު މަޝްރޫޢެއް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ ދަށުން ނައިފަރަށް 45 ހެކްޓަރުގެ ބިން އިތުރުކުރެވޭނެއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ. 679 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް 1 އަހަރާ 9 މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މަޝްރޫޢުގެ ދަށުން 44.8 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރުމުގެ އިތުރުން، ހިއްކާ ބިން ޙިމާޔަތްކުރުމަށްޓަކައި 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓާއި، 474 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

ޅ. ނައިފަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގައި 7 އަރބަން ސެންޓަރު ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްތަކުގެ ތެރެއިން މުހިންމު އެއް ރަށެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުން އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބޭނެ ގޮތަށް ތަރައްޤީކުރެވޭ ސަރަޙައްދީ ރަށްތަކެކެވެ. ރައީސް މުޢިއްޒު މިދިޔަ އަހަރުގެ މާރޗް މަހު ނައިފަރަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ވާހަކަފުޅުގައި، ރައްޔިތުން އެދޭ މިންވަރަށް 45 ހެކްޓަރު ބިން ހިއްކައިދެއްވާނެކަމަށް ވަނީ އިޢުލާނުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ނައިފަރާއި އެ ސަރަޙައްދަށް ބޭނުންވާ ތަރައްޤީ ގެނެވޭނީ، އެކަމަށް ބޭނުންވާ ބިން ތަނަވަސްވެގެން ކަމަށެވެ.




އެމްޓީސީސީއާ ހަވާލުކޮށްގެން ނައިފަރުގައި މިވަގުތުވެސް 21 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދެއެވެ. މީގެ އިތުރުން، 2004 ވަނަ އަހަރުވެސް އެރަށުން 16 ހެކްޓަރުގެ ބިން ހިއްކިފައިވެއެވެ. ނައިފަރުގެ އާބާދީ މިހާރު 5700 އަށްވުރެ ބޮޑުވެފައި، އާބާދީ އިތުރުވަމުން އަންނަ ރަށަކަށްވުމާއެކު ބިމުގެ ބޭނުން ބޮޑެވެ. މި ބިން ހިއްކުމުގެ މަސައްކަތާއެކު، ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ލިބި، ސިނާޢީ މަސައްކަތްތަކަށް ފުރުޞަތު ހުޅުވިގެންދާނެއެވެ. އަދި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ ބިންވެސް ލިބިގެންދާނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން