ޚަބަރު
ނުނަގާ ގިނަ ދުވަސްވާ ޕާސްޕޯޓުތައް އަހަރު ނިމުމުގެ ކުރިން ކެންސަލްކުރަނީ

ދިވެހި ޕާސްޕޯޓް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޕާސްޕޯޓު ހެއްދުމަށްފަހު، ނުނަގައި ގިނަ ދުވަސް ވެފައިވާ ޕާސްޕޯޓުތައް، 31 ޑިސެމްބަރުގެ ފަހުން ކެންސަލް ކުރާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އިއުލާނު ކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓު ހެއްދުމަށްފަހު، ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން، ޕާސްޕޯޓު ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ، 6 މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތްތަކުން، މިއަހަރުގެ ޑިސެމްބަރު 31ވަނަ ދުވަހުގެ ކުރިން، ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ އިރުޝާދު ދީފައެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، މި މުއްދަތުގެ ނިޔަލަށް ޕާސްޕޯޓާ ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް، ޕާސްޕޯޓާބެހޭ ޤަވައިދުގެ 19ވަނަ މާއްދާގައި ވާގޮތުގެ މަތިން ކެންސަލް ކުރެވޭނެ ކަމަށެވެ. ދިވެހި ޕާސްޕޯޓާއި ބެހޭ ގަވާއިދުގައިވާގޮތުން ޕާސްޕޯޓު ހެއްދުމަށްފަހު، ނުނަގައި 6 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ޕާސްޕޯޓުތައް ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން ކަނޑައަޅާ މުއްދަތަކަށްފަހު ބާތިލު ކުރެވޭނެއެވެ.
މި ނިންމުމާ ގުޅޭގޮތުން އިތުރު ތަފްސީލު ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުގެ ސްްޕޯކްސްޕަރސަނަކާ ގުޅުމުން ވވިދާޅުވީ، މިއީ ޕާސްޕޯޓު ހެއްދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އަދި ޕާސްޕޯޓު ހެއްދުމުގެ ކަންކަން މިހާރު ވަރަށް ބޮޑަށް ލުއިކޮށްދެވިފައިވާ ކަމަށާއި، މާލެ ފިޔަވައި އެހެން ސިޓީތަކާއި އަތޮޅުތަކުގައިވެސް ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ވެސް އެ ފަރާތުން ފާހަގަކުރިއެވެ.
ރައްޔިތުންނަށް މި ކަމުގައި އިތުރު ލުޔެއް ހޯދައިދިނުމަށްޓަކައި، އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު ނުނަގާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ހަނދާންކޮށްދިނުމުގެ ޚިދުމަތެއް ތަޢާރަފުކޮށްފައެވެ. މި ޚިދުމަތުގެ ސަބަބުން، ޕާސްޕޯޓު ހެއްދުމަށްފަހު ނުނަގާ ހުންނަ މައްސަލަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އިމިގްރޭޝަނުން އުންމީދުކުރެއެވެ.