ޚަބަރު
ފެނަކައިގެ ކުރީގެ އެމްޑީ ހަތަރު އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަޙުމަދު ސަޢީދު މުޙައްމަދު---
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި މިދިޔަ ދައުރުގައި ހުންނެވި އަޙުމަދު ސަޢީދު މުޙައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި ޙުކުމަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް، އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި މައްސަލާގައި މިދިޔަ އަހަރުގެ ފަހުކޮޅު އުފުލި ދަޢުވާ ސާބިތުވެގެން ކޮށްފައިވާ ޙުކުމެކެވެ.
ދައުލަތުން ކުރި ދައުވާ ސަޢީދުގެ މައްޗަށް ސާބިތުވުމާއެކު، ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އާދަމް މުޙައްމަދު ހުކުމް އިއްވަމުން ވިދާޅުވީ، އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށެވެ. ނަމަވެސް ގާޒީއަށް ލިބޭ އިޚުތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރެވޭ ކަމަށްވެސް ޤާޒީ ވިދާޅުވިއެވެ. އެހެންކަމުން، ކަމާ ގުޅޭ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލައިގެ ބާވަތަށް ބަލައި، ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ ހަތަރު އަހަރުގެ ޖަލު އަދަބެއް ކަނޑައަޅަންޖެހޭ ކަމަށްވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ވިދާޅުވިއެވެ. ސައީދުގެ މައްޗަށް ހަތަރު އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވެވީ، ޤާޒީ އެހެން ވިދާޅުވުމަށްފަހުއެވެ.
މި މައްސަލައިގައި ސަޢީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް ވެސް ވަނީ ދަޢުވާކޮށްފައެވެ.
ފެނަކައިގެ އެމްޑީގެ މަޤާމުގައި ސަޢީދު ހުންނެވި ދުވަސްވަރު އެ ކުންފުނި ބޭނުންކޮށްގެން ދައުލަތުގެ 2.2 ބިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓުން ވަނީ ހާމަވެފައެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން، ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ މި ވައްކަމަކީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏެއްގެ ތެރެއިން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ.