ކުޅިވަރު

އަނިޔާއިން އެނބުރި އައި ޔަމާލްގެ އެހީތެރިކަމާއެކު ބާސެލޯނާ ލީގު އެއްވަނައަށް އަރައިފި

އަނިޔާއިން އެނބުރި އައި ޔަމާލްގެ އެހީތެރިކަމާއެކު ބާސެލޯނާ ލީގު އެއްވަނައަށް އަރައިފި

ބާސެލޯނާއަށް ލީޑު ލިބުނު ގޯލަށްފަހު ޔަމާލް އާއި ލެވަންޑޯސްކީ އުފާފާޅުކުރަނީ، ފޮޓޯ: އޭޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

29 ސެޕްޓެމްބަރު 2025، 08:05

29 ސެޕްޓެމްބަރު 2025، 08:05

އަނިޔާއިން އެނބުރި އައި ލެމީން ޔަމާލްގެ އެހީތެރިކަމާއެކު، ފަހަތުން އަރައި ރެއާލް ސޮސިއެދާދު 2-1އިން ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައަށް، އެއް ޕޮއިންޓުގެ ފަރަގަކާއެކު އަރައިފިއެވެ.

ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުގެ މައްޗަށް ވާދަވެރި އެތުލެޓިކޯ މެޑްރިޑުން 5-2ގެ ބޮޑު ކުރިއެރުމެއް ހޮނިހިރު ދުވަހު ހޯދުމުން، ރޭގެ މެޗަށް ހެންސީ ފްލިކްގެ ބާސެލޯނާއިން ނިކުތީ 3 ޕޮއިންޓާއެކު ލީގުގެ އެއްވަނައަށް އެރުމުގެ އަޒުމުގައެވެ.

ނަމަވެސް ބާސެލޯނާއަށް އުނދަގޫވީ މެޗުގެ ފުރަތަމަ ހާފުގެ 31ވަނަ މިނެޓުގައި އަލްވާރޯ އޮޑްރިއޮޒޯލާގެ ގޯލަކުން ސޮސިއެދާދު ލީޑު ނެގުމުންނެވެ. އެހެންނަމަވެސް ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ބާސެލޯނާއަށް ލިބުނު ކޯނަރެއްގައި ޖޫލް ކުންޑޭ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ބާސެލޯނާގެ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލީ، އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން 4 މެޗަށް އަރާމު ކުރުމަށްފަހު ދެވަނަ ހާފުގެ 13ވަނަ މިނެޓުގައި ކުޅެން ނިކުތް ޔަމާލްގެ އެހީތެރިކަމާއެކުއެވެ. ކުޅެން ނިކުތްތާ އެއް މިނެޓު ފަހުން، ޔަމާލްއަށް ކުޅެލި ބޯޅައިގައި އޭނާއާ ކައިރި ކުރި ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ކަނާތް ފަރާތުން ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލީ ރޮބަޓް ލެވަންޑޯސްކީއެވެ.

މި މެޗުގައި ފްލިކް ވަނީ 17 އަހަރުގެ އެޓޭކިން މިޑްފީލްޑަރ، ޑްރޯ ފެނާންޑޭޒް ވެސް ފުރަތަމަ ފަހަރަށް ބޭނުންކޮށްފައެވެ. އަދި އަނިޔާގައި ހުރި ގޯލްކީޕަރު ޖޯން ގާސިއާގެ ބަދަލުގައި ރޭ ބާސެލޯނާގެ ގޯލު ބެލެހެއްޓީ ވޮޒިއެކް ޝެޒްނީއެވެ. 

ބާސެލޯނާއަށް ދެން އެންމެ އަވަހަށް އޮންނާނީ ޗެމްޕިއަންސް ލީގު މެޗެކެވެ. އެ މެޗުގައި ބާސެލޯނާއިން ނިކުންނާނީ ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބާސެލޯނާގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި ފާއިތުވި ދެ އަހަރު ބޭނުން ކުރަމުން އަންނަ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން