ކުޅިވަރު
އިތުރު ވަގުތު ކާމިޔާބުކުރި ގޯލާއެކު އާސެނަލްއިން ފަހަތުން އަރާ ނިއުކާސްލް ބަލިކޮށްފި

މެޗުގެ އިތުރު ވަގުތުގައި އޮޑެގާޑް ނަގައިދިން ކޯނަރު، ގެބްރިއެލް ބޮލުން ގޯލަށް ފޮނުވާލަނީ، ފޮޓޯ: ޕްރިމިއަރ ލީގު
އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ގެބްރިއެލް މަގަލޭސް ބޮލުން ކާމިޔާބުކުރި ގޯލާއެކު، އާސެނަލްއިން ފަހަތުން އަރާ ނިއުކާސްލް ޔުނައިޓެޑު 2-1އިން ބަލިކޮށްފިއެވެ.
މި ނަތީޖާއާއެކު އާސެނަލް ވަނީ ޕޮއިންޓު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެ ޕޮއިންޓު ކައިރިއަށް ޖެހިލާފައެވެ.
ނިއުކާސްލްގެ ސެއިންޓް ޖޭމްސް ޕާކްގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ލީޑު ނެގީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 34ވަނަ މިނެޓުގައި ނިކް ވޯލްޓްމޭޑް ކާމިޔާބުކުރި ގޯލާއެކު، ޖެހިޖެހިގެން ތިންވަނަ ސީޒަންގައި ނިއުކާސްލްގެ ދަނޑުގައި އެ ޓީމުން އާސެނަލް ބަލިކުރާނެކަމަށް ބެލެވުނެވެ. ހަމަގައިމު ވެސް ނަތީޖާ ދެމެހެއްޓުމަށް ނިއުކާސްލްގެ ގޯލްކީޕަރު، ނިކް ޕޯޕް ވަނީ ފުލުފުލުގައި ގިނަ ސޭވްތަކެއްކޮށްފައެވެ.
ގޯލެއް ކާމިޔާބުކުރުމަށް އާސެނަލް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުކުރީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މިކެލް މެރީނޯއެވެ. މެޗުގެ ނަތީޖާ އޭނާ ހަމަހަމަކޮށްދިންއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށް ބާކީ އޮތީ 6 މިނެޓެވެ.
You’ll want to see this one again 😍
— Arsenal (@Arsenal) September 28, 2025
Enjoy the highlights from a thrilling win in Newcastle 👇 pic.twitter.com/edQak4xzb9
އޭގެ 12 މިނެޓު ފަހުން، އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި އާސެނަލްއަށް ލިބުނު ކޯނަރެއް މާޓިން އޮޑެގާޑު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިނުމުން، ބޮލުން ޖަހާ ބާރު ބޯޅައެއް ގޯލަށް އަމާޒުކޮށް، ގެބްރިއެލް ވަނީ އެ ޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.
މި ތިން ޕޮއިންޓާއެކު އާސެނަލްއަށް ލިވަޕޫލްއާ ދެމެދު އޮތް ފަރަގު ކުޑަކުރެވުނީ، ލިވަޕޫލް ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް މި ހަފްތާގައި ކުޅުނު މެޗުން ބަލިވުމުންނެވެ.
އަނެއްކޮޅުން، 6 މެޗުން ލިބުނު 6 ޕޮއިންޓާއެކު ނިއުކާސްލް އޮތީ ތާވަލުގެ 15ވަނައިގައެވެ.