Ads by Stelco

ޚަބަރު

ފަތުރުވެރިކަމުގެ މުސްތަޤުބަލު ބައްޓަންކުރުމަށް "ދަ ފިއުޗާ ޝޭޕާސް ވޯކްޝޮޕް" ބުދަދުވަހު ބާއްވަނީ

ފަތުރުވެރިކަމުގެ މުސްތަޤުބަލު ބައްޓަންކުރުމަށް "ދަ ފިއުޗާ ޝޭޕާސް ވޯކްޝޮޕް" ބުދަދުވަހު ބާއްވަނީ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އިސްވެރިން ފުޓްބޯޅަ ކުޅުންތެރިޔާ ކަރކް އަށް މަރުޚަބާ ކިއުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ސެޕްޓެމްބަރު 2025، 07:37

28 ސެޕްޓެމްބަރު 2025، 07:37

ވިޒިޓް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ފަތުރުވެރިކަމުގެ މުހިންމު މަހާސިންތާއެއް ބުދަދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. "ދަ ފިއުޗާ ޝޭޕާސް ވޯކްޝޮޕް" ގެ ނަމުގައި ބޭއްވޭ މި މަހާސިންތާގައި، އަންނަ އަހަރު ފަތުރުވެރިކަން އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުމަށް ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރެވޭނެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބާއްވާ މި މަހާސިންތާގައި، ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި، މަސައްކަތްތެރިންނާއި، މީޑިއާގެ ފަރާތްތައް ބައިވެރިވާނެއެވެ. މަހާސިންތާގެ ތެރެއިން ބިނާކުރަނިވި ޕްރެޒެންޓޭޝަންތަކާއި، ޕެނަލް ޑިސްކަޝަންތަކާއި، ސާވޭތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހާސިންތާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އަންނަ އަހަރަށް އެކުލަވާލާފައިވާ ޑެސްޓިނޭޝަން މާކެޓިންގ ޕްލޭން ހުށަހެޅުމަށް ވަނީ ނިންމާފައެވެ. "އޯޝަން ނޭޝަން" ސްޓްރެޓަޖީގެ ދަށުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ހާމަކުރުމާއެކު، ލަގްޒަރީ ޓޫރިޒަމް، ސުޕަރ ޔޮޓް އަދި ބޯޓިންގ ޓޫރިޒަމް، އަދި ގެސްޓްހައުސް އަދި އަތޮޅު ޓޫރިޒަމް ފަދަ ޚާއްޞަ ފަތުރުވެރިކަމުގެ ބައިތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވޭނެއެވެ.

މީގެއިތުރުން، އީޖާދީ ގޮތްތަކާއި މާކެޓް ފުޅާކުރުމުގެ ފުރުޞަތުތައް ހޯދުމަށް ވޯކިންގ ގްރޫޕް ސެޝަންތައް ބޭއްވުމަށާއި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުން ވެސް ކުރިއަށްދާނެއެވެ.

މަހާސިންތާ ނިންމާލާނީ ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ ކަންތައްތަކުގެ ރިޕޯޓެއް ތައްޔާރުކުރުމަށްފަހުގައެވެ. މި މަހާސިންތާގެ އަލީގައި، އަންނަ އަހަރަށް މާކެޓިންގ ބްލޫޕްރިންޓެއް އެކުލަވާލުމަށް ވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން