ޚަބަރު
ފައިނަލް ލިސްޓުން އުނިކުރެވޭނީ ޝަރުތު ހަމަނުވާކަން ޔަޤީން މީހުން އެކަނި: ވަޒީރު ޑރ.މުއްޠަލިބް

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު
ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ފައިނަލް ލިސްޓަކީ ކުރީ ސަރުކާރުން 2023 ނޮވެމްބަރު 15 ގައި އިއުލާންކުރި ލިސްޓު ކަމަށާއި، އެ ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަގީންވާ މީހުން އެކަނި ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ސަރުކާރުން އެ ފްލެޓުތަކުގެ ބައެއް ވިއްކަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގު ކުރައްވައި، ވަޒީރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ގޮތުގައި މި ސަރުކާރުންވެސް އަމަލުކުރާނީ ކުރީ ސަރުކާރުން ނެރުނު ލިސްޓާއެކު ކުރެވުނު އިއުލާނާ އެއްގޮތަށެވެ. ލިސްޓުން އުނިކުރާނީ ހަމައެކަނި ޝަރުތު ހަމަނުވާކަން ޔަގީން ކުރެވޭ ފަރާތްތައް ކަމަށާއި، ގެޒެޓު ކޮށްފައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ. އެ ލިސްޓަށް އައު ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
15 ނޮވެންބަރު 2023 ގައި އިޢުލާން ކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓް. ޢަމަލުކުރެވޭނީ އެ ލިސްޓާ އެކު ކުރެވުނު އިޢުލާނުގައި ވާ ގޮތަށް. ލިސްޓުން އުނިވާނީ ޝަރުޠު ހަމަނުވާކަން ޔަޤީން ކުރެވޭ ފަރާތްތައް އެކަނި. ގެޒެޓުގައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް… pic.twitter.com/0qalQmid77
— Abdulla Muththalib (@muththo) September 28, 2025
މިކަމާ ގުޅިގެން ފާހަގަކޮށްލެވޭ ގޮތުގައި، ކުރީ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާ ނެރުނު ލިސްޓަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މަސައްކަތް މަޑުޖައްސާލުމަށް އަންގާފައިވަނިކޮށް ނެރެފައިވާ ލިސްޓެކެވެ. އޭރު އޭސީސީން ހާމަކުރިގޮތުގައި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ގާތްގަނޑަކަށް %70 މީހުން ފްލެޓަށް ޝަރުތުހަމަނުވެއެވެ.
މި ސަރުކާރު ވެރިކަމަށް ވަޑައިގަތުމަށްފަހު، އޭސީސީގެ ލަފަޔާއެކު ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، ފްލެޓުގެ މައްސަލަ ބައްލަވާފައިވެއެވެ. އެގޮތުން، ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 2180 މީހުން ޝަރުތު ހަމަނުވާކަމަށް އެ ކޮމިޓީންވެސް ވަނީ ނިންމާފައެވެ. ސަރުކާރުން ކުރިއަށްގެންދިޔަ ލިސްޓް އިވެލުއޭޝަން މަސައްކަތުގައި 4939 ފޯމު ބަލާފައިވެއެވެ.
މިހާރު، ލިސްޓުގައި މައްސަލައެއް ނެތި، ޝަރުތު ހަމަވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ. އެގޮތުން، މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް 3000 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، 600 އެއްހާ މީހުން ވަނީ ސެކިއުރިޓީ ޑިޕޮޒިޓް ދައްކާފައެވެ. އަދި އެފްޑީސީން މިހާރު ވަނީ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.