ޚަބަރު
މަސްތުވާތަކެތީގެ ނުރައްކަލަށް އާންމުން ހޭލުންތެރިކުރުވުމަށް "އެންމެން އެކީ"ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ކުރިއަށްގެންގޮސްފި

މަސްތުވާތަކެތީގެ ނުރައްކަލަށް އާންމުން ހޭލުންތެރިކުރުވުމަށް "އެންމެން އެކީ"ގެ ނަމުގައި ބޭއްވި ހަރަކާތް
މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމުގެ މަޤުޞަދުގައި، ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)، އެޗްޑީސީ، ޔޫއެންއޯޑީސީ އަދި ޖަޕާނު އެމްބަސީ ގުޅިގެން "އެންމެން އެކީ" ގެ ނަމުގައި ހުޅުމާލޭގައި ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކުގައި ބޭއްވި މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އާއި ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލީ ޒުހައިރު ފާހަގަކުރެއްވި ގޮތުގައި، މުހިންމު މަޢުލޫމާތުތައް ފޯރުކޮށްނުދެވި އަދި ގުޅިގެން މަސައްކަތް ނުކުރެވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވެއެވެ.
ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯ ވިދާޅުވި ގޮތުގައި މުސްތަޤުބަލުގެ ބިންގަލަކީ ޒުވާން ޖީލު ކަމަށާއި، އެ ޖީލު މަސްތުވާތަކެތީގެ މައްސަލަތަކުން ރައްކާތެރިކުރުމަށް އިސްކަންދޭންޖެހެއެވެ. އެމަނިކުފާނު ވިދާޅުވީ މި މައްސަލަތަކާ ކުރިމަތިލުމުގެ އެންމެ ހަރުދަނާ ގޮތަކީ ތަޢުލީމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އަދި އެކަމާ ގުޅޭގޮތުން އިޖާބީ ގޮތެއްގައި ބައިވެރިވުމުގެ ތެރެއިން މައްސަލަ ކުރިމަތިވިޔަ ނުދިނުން ކަމަށެވެ.
އެންޑީއޭގެ ޗެއަރޕާސަން އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ އަންނަން އޮތް ޖީލުތައް މިފަދަ ނުރައްކާތެރި މައްސަލަތަކުން ސަލާމަތްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހަރަކާތުގައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން ކުންފުނިތަކުން ސްޓޯލްތައް ބަހައްޓައި، އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރު ހަރަކާތްތައް ބޭއްވިއެވެ. އަދި މަސްތުވާތަކެތީގެ ނުރައްކާތެރިކަމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ފުލުހުންގެ އޮޕަރޭޝަނަލް ޔުނިފޯމާއި އެއްގަމު އުޅަނދުފަހަރު ދައްކާލުން ފަދަ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.