ޚަބަރު
އެމްޑީޕީ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނައިން : ވަޒީރު އާދަމް ޝަރީފު އުމަރު

ސިޓީތަކާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއް އަދި މިހާރުގެ ސިޓީތަކާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، ދައުލަތް ލޫޓުވަމުންދާ މައްސަލަތަކާއި ވެންޓިލޭޓަރުގެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އެ ދުވަސްވަރު މަޖިލީހުގެ ސަމާލުކަމަށް ގެންނެވި ނަމަވެސް، މަޖިލީހުންވެސް އަދި މިނިވަން މުއައްސަސާތަކުންވެސް އެއްވެސް އަޅާލުމެއް ނުދެއްވާ ކަމަށެވެ.
MVR 2,239,640,958/- ge vakkan! Dhaulaiy lootuvun!
— Adam Shareef Umar (@Adamshareefz) September 27, 2025
MDP sarukaarun mulhi dhaulaiy lootuvamundhaa massala, @Fenakamv, adhi ventilator ge corruption ge massala @mvpeoplesmajlis ge samaalukamah eyru alhugandu genain. MDP sarukaarun, MDP super majority oiy Majlis akun ves adhi minivan…
ވަޒީރު އާދަމް ޝަރީފު މިފަދައިން ވިދާޅުވީ، ދައުލަތަށް -/2,239,640,958 (ދެ ބިލިއަން ދުއިސައްތަ ތިރީސްނުވަ މިލިއަން ހަސަތޭކަ ސާޅީސް ހާސް ނުވަސަތޭކަ ފަންސާސް އަށެއް) ރުފިޔާގެ ބޮޑު ޚިޔާނާތެއް ހިންގި މައްސަލައެއް ފެންމަތިވެފައިވާ މި ދަނޑިވަޅުގައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާ ބޮޑު ޚިޔާނާތެއް އޭރުގެ މެނޭޖިންގ ޑިރެކްޓަރަށް އެކަނި ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވައެވެ. މިއީ ވަރަށް ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކަމެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ ކުރިން، އެމް.ޑީ.ޕީ. ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ މައްސަލަތަކާއި، ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލަ، އޭރުގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް، އެމް.ޑީ.ޕީ. ސަރުކާރުންނާއި، އެމް.ޑީ.ޕީ.ގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުންނާއި، މިނިވަން މުއައްސަސާތަކުންވެސް އެ މައްސަލަތަކަށް އެއްވެސް އަޅާލުމެއް ނުދޭ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ، ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި، މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، މިކަމުގައި ޝާމިލުވާ އެންމެނާމެދު އިންސާފުވެރި ތަހުގީގެއް ހިންގައި، ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އަދި މިހާ ދުވަހު އެކަމުގައި އަޅާނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވެސް ވަޒީރު ބަޔާންކުރެއްވިއެވެ. އާދަމް ޝަރީފް ވިދާޅުވީ، މި ގައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން ކަމަށެވެ.