ކުޅިވަރު

"ކުލަބު މޯލްޑިވްސްގެ" އަންހެން 18/30 ޗެމްޕިއަންކަން، ހަތަރުވަނަ ފަހަރަށް ދިވެހި ސިފައިންގެ ކުލަބަށް !

"ކުލަބު މޯލްޑިވްސްގެ" އަންހެން 18/30 ޗެމްޕިއަންކަން، ހަތަރުވަނަ ފަހަރަށް ދިވެހި ސިފައިންގެ ކުލަބަށް !

ދިވެހި ސިފައިންގެ ކުލަބު ފޮޓޯ: ކްލަބް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ސެޕްޓެމްބަރު 2025، 01:32

27 ސެޕްޓެމްބަރު 2025، 01:32

ކުލަބު މޯލްޑިވްސް 2025 ގެ އަންހެން ޑިވިޝަންގެ 18/30 ޗެމްޕިއަންކަން، ފޯރިގަދަ ފައިނަލް މެޗެއްގައި އެމްޕީއެލް ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ. މިއީ އެކުލަބުން 18/30 ގެ ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ. ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ކުރިއަށްދިޔަ މި ފައިނަލް މެޗު ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ފައިނަލް މެޗުގައި ދެ ޓީމުންވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް، މެޗުގެ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ގެންގުޅެފައިވަނީ ދިވެހި ސިފައިންގެ ކުލަބުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ނެގީ ދިވެހި ސިފައިންގެ ކުލަބުންނެވެ. އެހެން ނަމަވެސް، އެމްޕީއެލްގެ ކުޅުންތެރިން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ދިވެހި ސިފައިންގެ ކުލަބުގެ ދިފާޢު ފޫއަޅުވާލުމަށްފަހު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ނަމަވެސް މެޗު ނިމުމަށްފަހު ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކުލަބުންނެވެ.

މި މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބުން ފައިނަލާއި ހަމައަށް އައީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ދިވެހި ސިފައިންގެ ޓީމުން މި މުބާރާތް ކާމިޔާބުކުރިއިރު، އެޓީމުގެ ގިނަ ކުޅުންތެރިންނަކީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންނެވެ. މުބާރާތުގެ ރަނަރަޕް ޓީމު އެމްޕީއެލްއިންވެސް ވަނީ 18/30 ގައި މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ފައިނަލް މެޗުގައި އެ ޓީމަށް އެންމެ ބޮޑު މައްސަލައަކަށްވީ ކުޅުންތެރިންގެ ފިޓްނެސްގެ މައްސަލަތަކެވެ.

މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ފާތިމަތު ޖޫޒާން ޒަރީރެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ އެމްޕީއެލްއެވެ. އަދި ކުއީން އޮފް އެއިޓީން ތާޓީގެ މަޤާމު ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ މައީޝާ އަބްދުލް ހަންނާނެވެ.

މީގެ އިތުރުން، ކުއީން އޮފް ދަ މެޗުގެ މަޤާމު ފައިނަލްގައި ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ޒަހުރާއެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދީ ޖުމްލަ 5 ލަނޑު ކާމިޔާބުކުރި ދިވެހި ސިފައިންގެ ކުލަބުގެ ރިފާއެވެ. މާސްޓަރ އޮފް ދަ އެއިޓީން ތާޓީގެ މަޤާމު ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ކޯޗު އަލީ އިބްރާހީމެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:

މަރިޔަމް ރިފާ - ދިވެހި ސިފައިންގެ ކުލަބު
ޒަހުރާ - ދިވެހި ސިފައިންގެ ކުލަބު
ފާތިމަތު އިނާޝާ - އެމްޕީއެފް
މައިޝާ އަބްދުލް ހަންނާން - ދިވެހި ސިފައިންގެ ކުލަބު
ފަރަހް އަޙްމަދު - އެމްޕީއެލް


                    

Ads by MSS

މި ލިޔުން ކިޔާލުމުން