Ads by Stelco

ޚަބަރު

އަމާން މުޖުތަމަޢެއް ބިނާކުރުމަށް, ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިންމައިފި

އަމާން މުޖުތަމަޢެއް ބިނާކުރުމަށް, ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިންމައިފި

ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިންމައިފި ފޮޓޯ: ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ސެޕްޓެމްބަރު 2025، 12:42

27 ސެޕްޓެމްބަރު 2025، 12:42

ތ. އަތޮޅުގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ނިންމާލައިފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ. ތ. އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުން ފުލުހުންގެ ޚިދުމަތް ފެށީ ތ. އޮމަދޫގައެވެ. މި ޚިދުމަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.



ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޮމަދޫގައި ޕޮލިސް ޑެސްކުގެ ޚިދުމަތް ތަޢާރަފުވުމާއެކު، ތ. އަތޮޅުގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ. މިއަމާޒު ހާސިލްކުރުމަށް، މިހާތަނަށް ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައި ނުވާ ރަށްރަށުގައި އެޚިދުމަތް ފެށްޓެވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތަކުގެ ޢަމަލީ މަސައްކަތްތައްވެސް ސަރުކާރުން ދަނީ ފަށަމުންނެވެ.

ސަރުކާރުން ތ. އަތޮޅުގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން