ޚަބަރު
މީޑިއާ ކޮމިޝަން އިންތިޚާބު އިލެކްޝަންސްގެ މިހާރުގެ ބަޖެޓުން ބޭއްވޭނެކަމަށް ޒާހިދު ވިދާޅުވެއްޖެ

އިލެކްޝަން ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ އިންތިޚާބު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މިހާރުގެ ބަޖެޓުގެ ތެރެއިން ބޭއްވޭނެކަމަށް އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. އެ އިންތިޚާބު ބޭއްވުމަށް އިތުރު ބަޖެޓެއް އަދި މުވައްޒަފުންވެސް ބޭނުން ނުވާނެކަމުގެ ޔަޤީންކަން ޒާހިދު ދެއްވާފައިވާއިރު، އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.
އީސީގެ ރައީސް މުޙައްމަދު ޒާހިދު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މީޑިއާ ކޮމިޝަންގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، އެ ކޮމިޝަނުން ބާއްވާ އެހެން އިންތިޚާބުތަކާ އެއްގޮތަށް މީޑިއާ ކޮމިޝަންގެ އިންތިޚާބުވެސް ހުރިހައި މަރުހަލާއެއް ފުރިހަމަވާގޮތަށް ބާއްވާނެ ކަމަށެވެ. އަދި މިހާރު ހުރި ވަސީލަތްތަކުން، އެއްވެސް ގޮންޖެހުމެއް ނެތި އިންތިޚާބު ބޭއްވޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް ޒާހިދު ފާހަގަކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ޓީމަށް މިވަރުގެ އިންތިޚާބެއް ބާއްވާކަށް މާބޮޑު ގޮންޖެހުންތަކަކާ ކުރިމައްޗެއް ނުވާނެ. ޚަރަދަށް ބަލާއިރުވެސް އެވެސް އަޅުގަނޑުމެން ބެލީ މިވަގުތު ދައުލަތުގެ މާލީ ތަނަވަސްކަމާއި އަޅުގަނޑުމެންގެ އިގްތިސާދާއި މި ހުރިހާ ހާލަތަކަށް ބަލާއިރު އަޅުގަނޑުމެން މިހާރުވެސް މިގެންގުޅޭ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެންނަށް މިކަން ކޮށްލެވެން ވާނެއޭ. އެހެންވީމަ އަޅުގަނޑުމެން އިތުރަކަށެއް މިއަކަށް ބަޖެޓެއް ނުވަތަ ފައިސާއެއް ހޯދާކަށް ނޫޅޭނަމޭ
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު
މި އިންތިޚާބުގައި މީޑިއާ ކޮމިޝަނަށް 4 މެންބަރަކު އިންތިޚާބު ކުރާނެއެވެ. އެއީ ބްރޯޑްކާސްޓަރުންގެ ތެރެއިން ދެ މެންބަރަކާއި، އެހެނިހެން މީޑިއާތަކުން ދެ މެންބަރުންނެވެ. އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހަފުތާގެ ހޮނިހިރު ދުވަހުގެ މެންދުރު 2:00އެވެ.
މީޑިއާ ކައުންސިލް އިންތިޚާބަކީ ކުޑަ އިންތިޚާބެއްނަމަވެސް، އިންތިޚާބުގެ ސައްޚަކަމާމެދު އެއްވެސް ޝައްކެއް އުފެދުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު ވިދާޅުވިއެވެ.