Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައި މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައި މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ސެޕްޓެމްބަރު 2025، 10:41

27 ސެޕްޓެމްބަރު 2025، 10:41

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ފެލިދެއަތޮޅާއި (ލ.އ)، މުލަކަތޮޅާއި (މ.އ)، ނިލަންދެއަތޮޅު އުތުރުބުރިއާއި (ފ.އ) ކޮޅުމަޑުލުގެ (ތ.އ) މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ތަރައްޤީގެ ގިނަ މަޝްރޫޢުތައް ފައްޓަވައި، މުހިންމު ނިންމުންތައް ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި އަތޮޅުތަކުގެ އެކި ރަށްރަށުގައި، ތަރައްޤީގެ އެކި މަޝްރޫޢުތަކާއި މަސައްކަތްތައް ފައްޓަވައި، ބައެއް މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން، އާރްޓީއެލް ފެރީ ނިޒާމުގެ ޚިދުމަތް ފެއްޓެވުމާއި، ވައިގެބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ފެއްޓެވުން ހިމެނެއެވެ.

މީގެ އިތުރުން، ހަތަރު އަތޮޅުގެ ބައެއް ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް އެމަނިކުފާނު ވަނީ ފައްޓަވައިދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވި ރަށްތަކާއިއެކު، އެމަނިކުފާނު މިދަތުރުފުޅުގައި ވަޑައިގެންނެވި ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ފެށިފައެވެ.

މި ދަތުރުފުޅުގައި، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ ބައެއް މަޝްރޫޢުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ސިއްޙަތާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކުރެއްވުމާގުޅޭ މުހިންމު ނިންމެވުންތައް ވެސް ވަނީ ނިންމަވާފައެވެ. މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަސައްކަތްތަކާއި، ބޭންކިންގ ގެ ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް އަދި އާންމު ފަރުދުންނަށް ފައިދާކުރާނެ މުހިންމު ނިންމެވުންތަކެއް ވެސް އެމަނިކުފާނު ވަނީ މި ދަތުރުފުޅުގައި އިއުލާންކުރައްވާފައެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ މި ސަރުކާރުން ވަރަށްބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ސިޔާސަތެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން