ޚަބަރު / ރިޕޯޓް
ބާޒާރުގައި ތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮވެއްޖެ ، 85 އަށްވިއްކި ކެބެޖް ކިލޯއެއް 18 ރުފިޔާއަށް

ކެބެޖް
މާލޭގެ ބާޒާރުގައި ތަރުކާރީގެ އަގުތައް ވަރަށްބޮޑަށް ދަށަށް ގޮސްފައިވާކަމީ، އާއްމު ރައްޔިތުންނަށް ލިބުނު ބޮޑު އުފަލެކެވެ. ދިރިއުޅުމުގެ ޚަރަދުތައް މަތިވެފައިވާ މި ދުވަސްވަރު، ކޮންމެ ދުވަހެއްގެ ކެއުމަށް ބޭނުންވާ މައިގަނޑު ބާވަތްތަކުގެ އަގުތައް ހެޔޮވެފައިވުމަކީ، ޢާއްމުކޮށް ގޭގައި ތައްޔާރުކުރާ ކާބޯތަކެތި އަދި ކެއުމުގެ ޚަރަދުތަކަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ ކަމެކެވެ.
ބާޒާރުމަތީ ފިހާރަތަކުގައި މިއަދު ތަރުކާރީ ވިއްކަންހުރި ތަންތަނަށް ބަލާއިރު، އެންމެބޮޑަށް އަގުތައް ހެޔޮވިކަމަށް ފާހަގަކުރެވިފައިވަނީ، ކެބެޖް، ކެރެޓް އަދި ފިޔާގެ އަގެވެ. މީގެ ކުރިން ބާޒާރުމަތީ ފިހާރަތަކުން ކެބެޖް ކިލޯއެއް 85 ރުފިޔާއަށް ވިއްކިއިރު، މިއަދު ކެބެޖް ކިލޯއެއްގެ އަގު ވަނީ އެންމެ 18 ރުފިޔާއަށް ތިރިވެފައެވެ. ހަމަ އެފަދައިން، ކުރިން 35 ރުފިޔާއަށް ވިއްކި ކެރެޓް ކިލޯއެއްގެ އަގު މިހާރު ހުރީ 18 ރުފިޔާގައެވެ. މީގެ އިތުރުން ލުބޯ ކިލޯއެއްގެ އަގު މިހާރު 25 ރުފިޔާގައި ހުރިއިރު، މީގެ ކުރިން އާއްމުކޮށް ލުބޯ ކިލޯއެއްގެ އަގު ހުރީ 30 ރުފިޔާއިން މަތީގައެވެ. މިއީ އާއްމު ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަން ޔަގީނެވެ.
ތަރުކާރީގެ އިތުރުން، މިފަހުން ރެކޯޑް މިންވަރަކަށް އަގުތައް އަރައިގެންދިޔަ މޭވާއަށް ވެސް މިވަނީ ބޮޑު ހެޔޮ ބަދަލެއް އައިސްފައެވެ. އާފަލާއި، އޮރެންޖުގެ އަގުތައް މިހާރުވަނީ ވަރަށްބޮޑަށް ތިރިވެފައެވެ. އެގޮތުން ކުރިން 12 ރުފިޔާއަށް ވިއްކި އޮރެންޖުގެ އަގު މިހާރު 5 ރުފިޔާގައި ހުރިއިރު، ކުރިން 15 ރުފިޔާއަށް ހުރި އާފަލެއްގެ އަގު ވަނީ 6 ރުފިޔާއަށް ވެއްޓިފައެވެ. ރާއްޖެއަށް އެންމެ ގިނައިން މޭވާ ތަރުކާރީގެ ބާވަތް އެތެރެކުރާ އުފަންވެލި ފިހާރައިގަވެސް މިހާރު މޭވާ ތަރުކާރީގެ އަގުވަނީ ހެޔޮކޮށްފައެވެ. މިއީ މޭވާ ބޭނުންކުރާ ފަރާތްތަކަށް ލިބުނު ފަސޭހައެކެވެ.
ބާޒާރުގައި ދިވެހިން އާއްމުކޮށް ބޭނުންކޮށް އުޅޭ ތަރުކާރީއާއި މޭވާގެ އަގު އުފުލެން ފެށުމާއެކު ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް އާއްމުކޮށް ބޭނުންކުރާ ބާވަތްތައް އެތެރެކޮށް ވިއްކުމަށް ނިންމާފައެވެ. އެގޮތުން އެސްޓީއޯ މެދުވެރިކޮށް އޮރެންޖު ގެނެސް ވަނީ 35 ރުފިޔާއަށް ކިލޯއެއް ވިއްކަން ފަށާފައެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ދިވެހިން އާއްމުކޮށް ބޭނުންކުރާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އަގުތައް މީގެ ފަހުން ބާޒާރުގައި ބޮޑުވިޔަނުދޭނޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ބާޒާރުގައި އެ ތަކެތީގެ އަގުތައް ވިޔަފާރިވެރިންނަށް ބޮޑުކުރުމުގެ ފުރުސަތު ނުދެއްވާނޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ތަރުކާރީ އަދި އާއްމުކޮށް ބޭނުންކުރާ ބައެއް އެހެން ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިމަހުގެ 10 ވަނަ ދުވަހުއެވެ. "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެސްޓީއޯއިން މިހާރު އެތެރެކުރަންޖެހެނީ ކާޑުގެ ބާވަތްތައް އެކަނި ނޫންކަމަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އާއްމުކޮށް ބޭނުންކުރާ، މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެސްޓީއޯއިން އެތެރެކުރުންކަމަށެވެ.
އަޅުގަނޑުމެން މި ހުރިހާ ކަމެއް ހަމަ ނަންބަރސް ޖަހައިގެން ދިރާސާކޮށް ހަދާފައި، މިވަނީ ކިހިނެއްކަން އަޅުގަނޑުމެން ރަނގަޅަށް ބަލާފައި، މި ނިންމީ މިކަން ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް
ރައީސް
އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީނަމަވެސް އެކަން ސަރުކާރުން ކުރަމުންގެންދާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއީ ޢާއްމު ރައްޔިތުންގެ ދިރިއުޅުމަށް ލުއިކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ހެކިތަކެކެވެ. މި ބަދަލު ދެމިގެންދާނެކަމަށް އުއްމީދުކުރަމެވެ.