ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ދިޔަމިގިލީ ކައުންސިލާއި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ ރަށުގެ ގިރާ ސަރައްހަދު ހިމާޔަތްކުރުމާއި، ކުނި ކޮށީގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅިގެންދާއިރު ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފައްޓަވައިދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ސްކޫލުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. ހަމަ މިއާއެކު، ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތް އަވަހަށް ނިންމަވައިދެއްވައި 24 ގައިޑިއިރު ޚިދުމަތްދޭ ތަނަކަށް ޞިއްޙީ މަރުކަޒު ބަދަލުކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. އަދި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ވެސް މެންބަރުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.