ޚަބަރު
ތ. ކިނބިދޫ ބިންހިއްކުމުގެ މަޝްރޫޢު އެމްޓީސީސީން ނިންމާލައިފި

ބިންހިއްކި ސަރަޙައްދު/ފޮޓޯ: އެމްޓީސީސީ
ތ. ކިނބިދޫ ބިންހިއްކުމުގެ މަޝްރޫޢު އެމްޓީސީސީން ނިންމާލައިފި އެވެ.
ކިނބިދޫ ބިންހިއްކުމުގެ މަޝްރޫޢަކީ، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށޭނެ ޙައްލެއް ގެނައުމުގެ މަޤްޞަދުގައި މި ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.
އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މި މަސައްކަތް ހަލުވި ސްޕީޑުގައި ނިންމުމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް މަސައްކަތް ޢަމަލީގޮތުން ފަށައިފައެވެ. މި މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ބިންހިއްކުން ނިންމާލާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ، ކޮޅުމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކިނބިދޫއަށް ވަޑައިގެން ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލާފައިވާ ސަރަޙައްދަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި ރަށުގެ ހިއްކި ސަރަޙައްދުން ގޯތި ދޫކުރުމާއި، ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢު ފަދަ ތަރައްޤީގެ މަސައްކަތްތަކާއި ގުޅޭ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް އެރަށުގެ ރައްޔިތުންގެ މަޝްވަރާއާއިއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ކިނބިދޫގައި ބިންހިއްކާފައިވާ ސަރަޙައްދުން އެރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރަން ފެށުމާއެކު، އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ލިބިގެންދާނެއެވެ.