ޚަބަރު
ކިނބިދޫ-ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ދެއްވައިފި

ރައީސް ކިނބިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ތ. ކިނބިދޫ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ކިނބިދޫ-ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަންދެއްވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ކިނބިދޫ-ވޭމަންޑޫ ގުޅާލާ، ކޯޒްވޭ މަޝްރޫޢު ކުރިއަށްގެންދަވާނީ ފަތުރުވެރިކަން ފުޅާކުރެވޭ ގޮތަށް ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ޑިވެލޮޕަރެއް ހޯދުމަށް ހުޅުވާލާފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫޢަކީ މުޅި ތ. އަތޮޅަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ މަޝްރޫޢެއްކަން ފާހަގަކުރައްވައި، މިއީ ސަރުކާރުން ކުރިއަށްގެންދާ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ވެސް މުހިންމު ކަމެއްކަމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ކިނބިދޫގައި ބިންހިއްކާފައިވާ ސަރަޙައްދުން ގޯތި ދޫކުރުމާއި ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢު ފަދަ ތަރައްޤީގެ މަސައްކަތްތަކާއި ގުޅޭ ލޭންޑް ޔޫޒް ޕްލޭން ހެދުމުގައި ވެސް، މި ކޯޒްވޭ ގުޅުމުން ދެ ރަށަށް އެކަމުގެ ފައިދާ ލިބޭގޮތަށް ރައްޔިތުންގެ މަޝްވަރާއާއިއެކު ކުރިއަށް ގެންދަވަން ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ކިނބިދޫގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި، ރޭވިފައިވާ މަސައްކަތްތައް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.