Ads by Stelco

ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ދެކޮޅަށް ހިންގި ބައިނަލްއަޤްވާމީ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ދެކޮޅަށް ހިންގި ބައިނަލްއަޤްވާމީ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

ފުލުހަކު ކުޑަކުދިންތަކަކާ އެކު/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ސެޕްޓެމްބަރު 2025، 04:25

25 ސެޕްޓެމްބަރު 2025، 04:25

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އެކްސްޕްލޮއިޓޭޝަން އާއި ދެކޮޅަށް ހިންގި ބައިނަލްއަޤްވާމީ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެއެވެ.

މި އޮޕަރޭޝަނަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް އިންޓީރިއަރގެ އިސްނެގުމުގެ ދަށުން މިއަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހިންގުނު 7 ހަފްތާގެ އޮޕަރޭޝަނެއްކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މި އޮޕަރޭޝަނުގައި ރާއްޖޭގެ އިތުރުން ރަޝިޔާ، ތައިލެންޑް، އިންޑޮނޭޝިއާ، ނޭޕާލް، ޕެރޫ، ބްރެޒިލް އަދި އެހެނިހެން ޤައުމުތައް ހިމެނޭހެން ޖުމްލަ 15 ޤައުމެއްގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ބައިވެރިވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަނުގައި ޖުމްލަ 188 މީހަކު ހައްޔަރުކުރެވި، މުޅި ދުނިޔޭގައި ޝިކާރައަކަށްވެފައިވާ 165 ފަރާތް ސަލާމަތްކުރެވި، އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މެޓީރިއަލް ބެހުމަށް ހިންގަމުންދިޔަ 28 ނެޓްވޯކް ހުއްޓުވާފައިވާ ކަމަށެވެ. މީގެ އިތުރުން، ކަމާ ގުޅުންހުރި މުއައްސަސާތަކުން ވަނީ 113 ޔޫސަރ އެކައުންޓް ބަންދުކޮށް، 153 އިލެކްޓްރޯނިކް ވަސީލަތް އަތުލައި، އަދި އޮންލައިން ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 76 ކެމްޕެއިން ހިންގާފައިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، ރާއްޖެއިން މިކަމުގައި ބައިވެރިވުން ދައްކުވައިދެނީ ބައިނަލްއަޤްވާމީ އެއްބާރުލުމުގެ ތެރެއިން އޮންލައިން މެދުވެރިކޮށް ކުޑަކުދިން އެކްސްޕްލޮއިޓޭޝަންއާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ކަމަށެވެ. ހަމަ އެހެންމެ، މިކަމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ޤާނޫނު ތަންފީޒުކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ތެރެއިން، ކުޑަކުދިން ރައްކާތެރިކުރުމާއި ސައިބަރ ސަލާމަތްތެރިކަން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ފުލުހުން ވިދާލުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ، މުޖްތަމަޢުގެ ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން