ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ހއ. ހޯރަފުށިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން: ފޮޓޯ/ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން ހއ. ހޯރަފުށީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށި ޕޮލިސް ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ، ހއ. ހޯރަފުށި / ޑީންސްވިލާ، އަޙްމަދު ޝާމިލް (41އ) އާއި ހއ. ހޯރަފުށި / ޑީންސްވިލާ، އިބްރާހީމް މުޙައްމަދު (40އ) ކަމަށެވެ.
އެގޮތުން، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ރަބަރުކޮޅާއި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 3،700 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 2 މީހުން ވެސް 7 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.