ޚަބަރު
އޮމަދޫގެ އިޚްތިޞާޞްގައި ހިމެނޭ 2 ފަޅުރަށުން ދާއިމީގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެގޮތް ހަދައިދޭނަން: ރައީސް

ރައީސް އޮމަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ތ. އޮމަދޫގެ އިޚްތިޞާޞްގައި ހިމެނޭ 2 ފަޅުރަށުން ދާއިމީގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެގޮތް ހަދައިދިނުމަށް މަސައްކަތް ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވަނީ އެއްބަސްވުމެއްގެ ދަށުން އެރަށެއްގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުން، ވަކި އިންސައްތައެއްގެ ފައިދާއެއް ކައުންސިލުތަކަށް ލިބޭގޮތަށް އޮތުން ކަމަށްވާތީ، ޤާނޫނީގޮތުން އެފަދަ ފުރުޞަތެއް ހޯއްދަވައިދެއްވޭތޯ ބައްލަވަމުން ގެންދަވާކަ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން އޮމަދޫގެ އިޚްތިޞާޞްގައި އޮންނަ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ފައިދާ ލިބޭނެގޮތެއް ފެނޭތޯ ބައްލަވަމުންދާ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އޮމަދޫގައި ހުރި އެހެނިހެން މައްސަލަތަކަށް އަލިއަޅުއްވާލާ ރައީސް ވިދާޅުވީ، ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ރައްޔިތުންނަށް އެންމެ ދަތިވާ އެއް މައްސަލަ ކަމަށެވެ. ހަމަ އެހެންމެ، އެކަން ލަސްވާ ސަބަބު އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، މިހާރު މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން މަސައްކަތް ފަށައިގެން ކުރިއަށް ނުގެންދާނަމަ އެއްބަސްވުން ބާތިލުކޮށްގެން ވިޔަސް، ސަރުކާރުން އެމަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އޮމަދޫ ސްކޫލްގެ މަސައްކަތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާނެކަމަށާއި، ޞިއްޙީ މަރުކަޒަށް މިއަހަރު އެމްބިއުލާންސެއް ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އައު މިސްކިތެއް އަޅުއްވައި، ވޮލީ ކޯޓެއް ތަރައްޤީކޮށްދެއްވައި، ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކޮށްދެއްވައި، ރޭގަނޑު ކުޅެވޭގޮތަށް ދަނޑު ތަރައްޤީކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.
މިއަދުގެ ޖަލްސާގައި، އޮމަދޫ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވަނީ ސޮއިކުރައްވާފައެވެ.